ކަރަންޓާއި މުއާސަލާތަށް ހުރަސްއެޅޭ ސޯލާ ސްޓޯމެއް ކުރިމަތިވެއްޖެ
ކަރަންޓާއި މުއާސަލާތަށް ހުރަސްއެޅޭ ސޯލާ ސްޓޯމެއް ކުރިމަތިވެއްޖެ

ބާރުގަދަ ކޮރޯނަލް މާސް އިޖެކްޝަން (ސީއެމްއީ) އެއް ހޮނިހިރު ދުވަހުގެ ރޭ 1000 ކިލޯމީޓަރަށް ވުރެ ބާރު ސްޕީޑްގައި ދަތުރުކޮށް، އާދަޔާ ހިލާފު އަދި ނާދިރު ޖިއޮމެގްނެޓިކް ތޫފާނެއް ދުނިޔެއަށް ކުރިމަތިވެއްޖެ އެވެ.

"ސްޕޭސް ވެދަ ލައިވް" އިން ބުނި ގޮތުގައި މިހާރު ހުރި ސްޕީޑުގައި ސޯލާ ވިންޑް ދުނިޔެއަށް ފޯރަން ނަގާނީ 25 މިނެޓު ކަމަށެވެ.

ނާސާ އާއި އެންއޯއޭއޭ މޮޑެލްތަކުން އަންދާޒާކުރި ގޮތަށް، އިރުގެ ކޮރޯނާއިން ޕްލާޒްމާ އާއި މެގްނެޓިކް ފީލްޑްތަކުގެ ބޮޑު ގޮވުމެއް ކަމަށްވާ ސީއެމްއީ ދުނިޔެއަށް އައީ ރާއްޖޭ ގަޑިން މިއަދު ހެނދުނު 10:30 ހާއިރު އެވެ.

މާލޭން ވެސް މިއަދު މެންދުރު ކަރަންޓު ކެނޑިފައި ވާއިރު މިކަން ދިމާވި ސަބަބެއް އަދި ނޭނގެ އެވެ.

ސްޕޭސް ވެދަ ލައިވް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ސޯލާ ވިންޑް ސްޕީޑް 1002 ކިލޯމީޓަރު/ސިކުންތުގެ ޕީކަށް އަރާފައިވާއިރު އިންޓަޕްލެނެޓަރީ މެގްނެޓިކް ފީލްޑް (އައިއެމްއެފް) ސްޓްރެންތު (ބީޓީ) 25 އެންޓީގައި އަދި -18 އެންޓީގެ ސައުތުވާޑް ބީޒެޑް ކޮމްޕޯނެންޓެއް ހުރެ އެވެ. މި ހާލަތްތަކުގެ ސަބަބުން ސޯލާ ވިންޑް ހަކަތަ، ދުނިޔޭގެ މެގްނެޓޯސްފިއާގެ ތެރެއަށް ވަދެ، އަރޯރާތައް އުފެދެ އެވެ.

މިކަމުގެ އިންޒާރު ނާސާ އާއި އެހެން ބައެއް އިދާރާތަކުން މިދިޔަ މަހު ވަނީ ދީފަ އެވެ.

އެންއޯއޭއޭގެ ސްޕޭސް ވެދާ ޕްރެޑިކްޝަން ސެންޓަރު (އެސްޑަބްލިއުޕީސީ) އިން ބުނީ މި ތޫފާނުގެ ސަބަބުން އަލަބާމާ އާއި އުތުރު ކެލިފޯނިއާއާ ހަމައަށް އަރޯރާ އުފެދިފައިވާ ކަމަށާއި އަދި ކަރަންޓް ގްރިޑްތަކާއި ސެޓެލައިޓް އަދި ރޭޑިއޯ ކޮމިއުނިކޭޝަންތަކަށް ބުރޫ އަރާފާނެ ކަމަށެވެ.

އަދި ކަރަންޓް ގްރިޑްތަކަށް ބުރޫ އަރާފާނެ ކަމަށާއި، އުސް ސަރަހައްދުތަކުގައި ވޯލްޓޭޖް މައްސަލަ ދިމާވުން އެކަށީގެންވާ ކަމަށް އެންއޯއޭއޭ އިން ވަނީ ބުނެފަ އެވެ. ސެޓެލައިޓްތަކުގެ އޮރިއެންޓޭޝަންގެ މައްސަލަތައް ކުރިމަތިވެ، ޖީޕީއެސް އާއި ރޭޑިއޯ ސިގްނަލްތަކަށް ބުރޫ އެރުން ވެސް އެކަށީގެންވާ ކަމަށް ވަނީ ބުނެފަ އެވެ.