01 ޖޫން 2025 - 14:29

މާލެ އާއި ހުޅުމާލެ އިން މިއަދު ކަރަންޓު ކެނޑުނު މައްސަލަ ސީރިއަސްކަމެއްގެ ގޮތުގައި ބަލަން ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގަވައިފި އެވެ.
އިންޖީނުތަކަށް މައްސަލައެއް ދިމާވެ، މާލެ އާއި ހުޅުމާލެ އަދި އެއާޕޯޓުން ވަނީ މެންދުރު ފަހު 12:45 ހާއިރު ކަރަންޓު ކަނޑައިގެން ގޮސްފަ އެވެ.
އެކަމާ ގުޅިގެން ރައީސް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ކަރަންޓު ކެނޑުނު މައްސަލަ ސީރިއަސްކަމެއްގެ ގޮތުގައި ބަލަން ކަމާގުޅޭ ފަރާތްތަކަށް އަންގަވާފައިވާ ކަމަށެވެ.
"މިފަދަ ކަމެއް ތަކުރާރު ނުވާނޭހެން ކަރަންޓުގެ ހިދުމަތުގެ ކަންކަން އިންތިޒާމުކުރަން ކުރަންޖެހޭ ހުރިހާ ކަމެއް ސަރުކާރުން ކުރާނެ ވާހަކަ ދަންނަވަން،" ހައްޖުގެ އަޅުކަމަށް މި ވަގުތު ސައުދީގައި ހުންނެވި ރައީސް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓުގައިވެ އެވެ.
ރައީސްގެ ޕޯސްޓަށް ފަހު ފުލުހުން ވެސް ވަނީ ކަރަންޓު ކެނޑުނު މައްސަލަ ބަލަން ހާއްސަ ތަހުގީގެއް ފަށާފައިވާކަމަށް ބުނެފަ އެވެ.
މާލެ ސަރަހައްދުން ކަރަންޓު ކަނޑައިގެން ދިއުމުން ގިނަ ހިދުމަތްތަކެއް ވަނީ ކެނޑިފަ އެވެ. މެންދުރު ދަންފަޅީގެ ސްކޫލްތައް ވެސް ވަނީ ބަންދުކުރަން ޖެހިފަ އެވެ.