01 ޖޫން 2025 - 12:58

ސްޓެލްކޯ އިން މިހާރު ލަފާކުރަނީ ކުރިއަށް އޮތް 45 ވަރަކަށް މިނިޓުގެ ތެރޭގައި މާލެ އާއި ހުޅުމާލެ އަށް ކަރަންޓު އަލުން ދީ ނިންމޭނެ ކަމަށް.

ސްޓެލްކޯ އިން ބުނީ، ގްރޭޓާ މާލޭ އިންޓަ ކަނެކްޝަންގެ ހުޅުލޭގެ ޓްރާންސްފޯމަރުތައް ފިޔަވައި މާލެ އާއި ހުޅުމާލޭގެ ބޮޑެތި ޓްރާންސްފޯމަރުތައް މިހާރު ވަނީ އެނަޖައިޒް ކޮށްފައި ކަމަށް. އެއާ އެކު، މާލެ އާއި ހުޅުމާލެ އިން ކަރަންޓު ނުދެވި ހުރި ސަރަހައްދުތަކަށް އަލުން ކަރަންޓު ދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ކުންފުނިން ބުނި.

ސްޓެލްކޯ އިން ދެންމެ ބުނީ މިއަދުގެ އިރުއޮއްސުމުގެ މާލެ އާއި ހުޅުމާލޭގެ ހުރިހާ ސަރަހައްދަކަށް ކަރަންޓު އަލުން ދޭން ފަށާނެ ކަމަށް.
ސްޓެލްކޯއިން ދެންމެ ބުނި ގޮތުގައި މިހާރު ވަނީ މާލޭގެ ބޮޑު ސަރަހައްދަކަށް ކަރަންޓު ދީފައި
މާލެ އާއި ހުޅުމާލެ އިން ކަރަންޓް ކެނޑެން ދިމާވި މައްސަލަ ހައްލުކުރަމުން އަންނައިރު ބައެއް ސަރަހައްދުތަކަށް މިހާރު ވަނީ ކަރަންޓް ދީފައި. އޭގެތެރޭގައި ހެންވޭރުގެ ބައެއް ސަރަހައްދުތައް ހިމެނޭ. ލަސްނުވެ ކަރަންޓް މައްސަލަ ހައްލުވާނެ ކަމަށް ސްޓެލްކޯ އިން ބުނޭ.
މާލެ އާއި ހުޅުމާލެއަށް ވެސް ކަރަންޓު ލިބުން ދެން ލަސް ނުވާނެ ކަމަށް ސްޓެލްކޯ އިން ބުނެފި.
މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ބެލުމުގެ ދަށުގައިވާ ހަތަރު ހޮސްޕިޓަލްގެ ތެރެއިން ވިލިމާލެ ހޮސްޕިޓަލް ފިޔަވައި ހުރިހާ ހޮސްޕިޓަލަކުން ކަރަންޓު ކެނޑުނު. ބެކަޕް ބޭނުންކޮށްގެން މިހާރު ވަނީ ކްރިޓިކަލް އޭރިއާތަކަށް ކަރަންޓު ދީފައި. ޕޭޝަންޓް ކެއާގެ ހިދުމަތަށް ބުރުލެއް ނާރާ ކަމަށާއި އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލާއި ހުޅުމާލެ ހޮސްޕިޓަލާއި މޯލްޑިވްސް ބްލަޑް ސާވިސް މިވަގު ހިންގަމުންދަނީ ބެކަޕް ޕަވަ ބޭނުންކޮށްގެން ކަމަށް ވަނީ ބުނެފައި.
ކަރަންޓު ކެނޑުނުތާ ގަޑިއެއްހާއިރު ވެފައި ވާއިރު ކަރަންޓު އަލުން ދެވޭނެ އިރެއް އަދި ސްޓެލްކޯއަކުން ނުބުނޭ.
ކަރަންޓު ކެނޑުނު މައްސަލައިގެ ތަހުގީގު މިހާރު ފަށާފައިވާ ކަމަށް ފުލުހުން ބުނެފި.
ކަރަންޓު ކެނޑުމާ ގުޅިގެން މާލެ އާއި ހުޅުމާލޭގެ ސްކޫލްތައް ވެސް ބަންދުކޮށްފި
ކަރަންޓު ލިބުނު ބައެއް ތަންތަނުން ވަނީ އަނެއްކާވެސް ކަރަންޓު ކެނޑިފައި.
ކަރަންޓު ކެނޑުނު ދަރުމަވަންތަ ހޮސްޕިޓަލަށް މިހާރު ވަނީ ކަރަންޓު ދީފައި.
އިމާރާތްތަކުގެ ލިފްޓްތަކުގައި ވެސް މީހުން ތާށިވެ އެ މީހުން ސަލާމަތްކުރަން އެމްއެންޑީއެފްގެ ފަޔަ އެންޑް ރެސްކިއު އިން އަންނަނީ މަސައްކަތްކުރަމުން.
ސްކޫލްތަކުން މިހާރު ދަނީ ދަރިވަރުން ގެޔަށް ފޮނުވާލަމުން. އޮފީސްތަކުގެ މަސައްކަތް ހުއްޓި މުވައްޒަފުން ވެސް އެ ތަންތަނުން މިހާރު ވަނީ ނުކުންނަން ފަށާފައި.
ސްޓެލްކޯއިން ބުނީ "ގްރޭޓާމާލެ ގުރިޑް އަލުން އެނަރޖައިޒް ކުރުމުގެ ކުރިން ފުރިހަމަ ކުރަންޖެހޭ ޗެކްއަޕްތައް މިހާރު ދަނީ ފުރިހަމަ ކުރެވެމުން. މި ޗެކަޕްތައް ނިމުނުހާ އަވަހަކަށް މާލެއާއި، ހުޅުމާލޭގެ ޖަނަރޭޓަރުސެޓްތައް އެނަޖައިޒް ކުރުމުގެ މަސައްކަތްތައް ކުރިއަށްދާނެ" ކަމަށް.
މުޅި މާލެ އާއި ހުޅުމާލެ އަދި އެއާޕޯޓުން ކަރަންޓު ކެނޑުނު މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކުރަން ރައީސް އަންގަވައިފި. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ މިފަދަ ކަމެއް ތަކުރާރު ނުވާނެހެން ކަރަންޓުގެ ހިދުމަތުގެ ކަންކަން އިންތިޒާމްކުރަން ކުރަންޖެހޭ ހުރިހާ ކަމެއް ސަރުކާރުން ކުރާނެ ކަމަށް.
އެމްއޭސީއެލް އިން ދެންމެ ބުނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ވެސް އެއްކޮށް ކަރަންޓު ކެނޑިފައިވާ ކަމަށް. ދަރުމަވަންތަ ހޮސްޕިޓަލްގައި ވެސް މިހާރު ކަރަންޓެއް ނެތް.
މުޅި މާލެ އާއި ހުޅުމާލެ އަދި ރާއްޖޭގެ މައި އެއާޕޯޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ކަރަންޓު ކެނޑިއްޖެ އެވެ.
މިވަގުތު ކަރަންޓު ނެތުމުން ހިދުމަތްތަކަށް ވަނީ ވަރަށް ބޮޑަށް ބުރޫ އަރައިފަ އެވެ.
ސްޓެލްކޯ އިން ބުނީ ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން މާލެއާއި ހުޅުމާލެއިން ކަރަންޓުގެ ކެނޑިފައިވާ ކަމަށެވެ. ކަރަންޓު ކެނޑުނީ ހުރިހާ ޖެނެރޭޓަރެއް ނިވިގެން ކަމަށް ސްޓެލްކޯގެ އޮފިޝަލަކު ވިދާޅުވި އެވެ.
އެ ކުންފުނިން ބުނި ގޮތުގައި ކަރަންޓު ކެނޑެެން ދިމާވި މައްސަލަ ދެނަގަނެ ހައްލު ކުރުމުގެ މަސައްކަތްތައް ކުރަމުން އެބަދެ އެވެ. އެކަމަކު ކަރަންޓު ދެވޭނެ ވަކި އިރެއް ނޭނގެ އެވެ. މުޅި މާލެ އާއި ހުޅުމާލެ އަދި ވެލާނާ އެއާޕޯޓުން ކަރަންޓު ކެނޑުނު ސަބަބެއް އަދި ސްޓެލްކޯއަކުން ނުބުނެ އެވެ.