01 ޖޫން 2025 - 11:57

މެލޭޝިއާގައި މިހާރު ކުރިއަށް ގެންދާ ހަނާ އޯޕަން ޓައެކްވޮންޑޯ ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ޖޫނިއާ އެތުލީޓް ޔޫނުސް ބިން މުހައްމަދު ގުރައިޝީ ތިން ވަނަ ހޯދައިފި އެވެ.

ހަނާ އޯޕަން މުބާރާތަކީ މެލޭޝިއާގައި ބާއްވާ ޓައެކޮވޮންޑޯގެ އެންމެ ބޮޑު ކްލަބް މުބާރާތެވެ. މި ފަހަރުގެ މުބާރާތުގައި 2،000 އެތުލީޓުން ވާދަ ކުރެ އެވެ.
މެލޭޝިއާގެ މުބާރާތުގައި ވާދަކުރީ އުމުރުން 12 އަހަރާއި 14 އަހަރުން ދަށުގެ އުމުރުފުރާގަ އެވެ. އެ އުމުރުފުރާގައި 18 އެތުލީޓުން ވާދަކުރި އެވެ.
ޔޫނުސް ނުކުތް ގޭމްތަކުގައި އޭނާ ވަނީ ތިން ގޭމުން މޮޅުވެ ހަތަރުވަނަ ރައުންޑް ނުވަތަ ސެމީ ފައިނަލަށް ދަތުރުކޮށްފަ އެވެ.
އެކަމަކު ސެމީގެ މެޗުގައި އޭނާގެ ކޮނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން އެ ފައިޓް ކުރިއަކަށް ނުގެންދެވުނެވެ.
އޭނާ މޮޅުވި ތިން ފައިޓްގައި ވެސް ސީދާ ދެ ރައުންޑުން އެ ގޭމްތައް ކާމިޔާބު ކުރި އެވެ. ސެމީގެ ފުރަތަމަ ރައުންޑުން އޭނާ ބަލިވި ނަމަވެސް ދެވަނަ ރައުންޑުން މޮޅުވި އެވެ. އެކަމަކު އޭގެ ކުރިން ލިބުނު އަނިޔާގެ ސަބަބުން ތިންވަނަ ރައުންޑުން ބަލިވެ ފައިނަލުގެ ފުރުސަތު ގެއްލުނެވެ.
ޔުނައިޓެޑް އެރަބް އެމިރޭޓްސްގެ ވެރިރަށް އަބޫދާބީގައި ޖުލައި 2023 ގައި ބޭއްވި އިންޓްރާ ކްލަބް ކިރުގީ ޓައެކްވޮންޑޯ ޗެމްޕިއަންޝިޕްގައި ވާދަކޮށް ޔޫނުސް ވަނީ ރަން މެޑަލް ހޯދާފަ އެވެ.