19 މާޗް 2017 - 15:27

ރޮކް އެން ރޯލް މިއުޒިކްގެ ބާނީގެ ގޮތުގައި ގިނަ ބަޔަކު ދެކޭ އަދި އެ މިއުޒިކް އާންމުންގެ މެދުގައި ބޮޑު ކަމެއް ހޯދުމުގައި ވަރަށް އިސް ދައުރެއް އަދާކުރި އެމެރިކާގެ މަޝްހޫރު މިއުޒިކް ލެޖެންޑް ޗާލްސް އެޑްވަޑް އެންޑަސަން ނުވަތަ މަޝްހޫރު ނަމުން ނަމަ، ޗެކް ބެރީ އުމުރުން 90 އަހަރުގައި މަރުވެއްޖެ އެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ޗަކް މަރުވީ އިއްޔެގެ ވަގުތެއްގައި އޭނާގެ ގޭގަ އެވެ.
ޗަކްގެ މަރާ ގުޅިގެން މިއުޒިކް އާއިލާގެ ގިނަ ބަޔަކު އަންނަނީ ޓްވިޓާގައި ހިތާމަފާޅު ކުރަމުންނެވެ.
މަޝްހޫރު މިއުޒިކް ބޭންޑް ރޯލިން ސްޓޯން އިން ޗަކްގެ މަރާ ގުޅިގެން އެ މީހުންގެ ވެބްސައިޓްގައި ބުނީ އޭނާ މަރުވި ހަބަރަކީ ވަރަށް ފުން ހިތާމައެއް ލިބުނު ވަގުތެއް ކަމަށެވެ. އަދި ޗަކްއަކީ ރޮކް އެން ރޯލްގެ މޭސްތިރި ކަމަށް ބުނެފައިވެ އެވެ.
މިއުޒިކް ޖޯންރާތަކުގެ ތެރޭގައި ހިމެނޭ ރޮކް އެން ރޯލްގެ މަގުބޫލުކަން ހޯދުމުގައި ޗަކް ހަދާފައިވާ ބައެއް ލަވަތައް ވަރަށް މުހިއްމު ރޯލެއް ކުޅެފައިވެ އެވެ.
އޭނާގެ ފާހަގަކޮށްލެވޭ ބައެއް ލަވަތަކުގެ ތެރޭގައި މެބެލިން، އެރައުންޑް އެންޑް އެރައުންޑް، ބްރައުން އައިޑް ހޭންޑްސަމް މޭން އަދި ސްކޫލް ޑޭސް ފާހަގަކޮށްލެވެ އެވެ.
މިއުޒިކް ދާއިރާ އަށް ކޮށް ދީފައިވާ އަގުހުރި ގިނަގުނަ ހިދުމަތްތަކާ އެކު ޗަކް ވަނީ ދުނިޔޭގެ އެންމެ ނުފޫޒު ގަދަ 100 މިއުޒިޝަނުންގެ ތެރޭގައި ވެސް 2004 ގައި ހިމެނިފަ އެވެ.
ޗަކް މަރުވި އިރު އޭނާގެ 90 ވަނަ އުފަން ދުވަހު މިދިޔަ އަހަރުގެ އޮކްޓޯބަރު 28 ގައި ވަނީ އާ އަލްބަމެއް ވެސް މި އަހަރުތެރޭ ރިލީޒް ކުރާނެ ކަމަށް އިއުލާންކޮށްފަ އެވެ. އެ އަލްބަމްގެ ނަމަކީ "ޗަކް" އެވެ.
އޭނާ އެންމެ ފަހުން އަލްބަމެއް ނެރުނީ 1979 ގަ އެވެ. އެއީ ރޮކް އިޓް އެވެ.