ދަރިފުޅުގެ ހަނދާން އާކުރުމުން އެންރީކޭގެ ޝުކުރު ސަޕޯޓަރުންނަށް
ދަރިފުޅުގެ ހަނދާން އާކުރުމުން އެންރީކޭގެ ޝުކުރު ސަޕޯޓަރުންނަށް

ކާމިޔާބީގެ ވަގުތުގައި ޕީއެސްޖީގެ ސަޕޯޓަރުން، އޭނާގެ ދަރިފުޅުގެ ހަނދާން އާކޮށް ދިން އުފާވެރި ހަދިޔާ އަށް ވަރަށް ބޮޑަށް ޝުކުރުއަދާކުރާ ކަމަށް ރޭ އެ ޓީމަށް ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދިން ކޯޗު ލުއިސް އެންރީކޭ ބުނެފި އެވެ.

ދަރިފުޅުގެ ހަނދާން އާކުރުމުން އެންރީކޭގެ ޝުކުރު ސަޕޯޓަރުންނަށް
ދަރިފުޅުގެ ހަނދާން އާކުރުމުން އެންރީކޭގެ ޝުކުރު ސަޕޯޓަރުންނަށް

އުމުރުން ނުވަ އަހަރުގައި، ކެންސަރު ބަލީގައި 2019 ގައި ނިޔާވި ޝާނާ ވަނީ، އެންރީކޭ 2015 ގައި ބާސެލޯނާއާ އެކު މި މުބާރާތް ކާމިޔާބުކުރުމުން ދަނޑުމަތީގައި ބައްޕައާ އެކު ވަަރަށް ބޮޑަށް އުފާފާޅުކޮށްފަ އެވެ.

ޝާނާ މަރުވުމުން، އެކަމުގެ ހިތާމައިގައި ކޯޗިންއާ ވެސް ދުރަށް ދިޔަ އެންރީކޭ ވަނީ ފައިނަލުގެ ކުރިން ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް ވަރަށް ބޮޑަށް ދަރިފުޅުގެ ހަނދާންތައް އާކޮށްފަ އެވެ.

އިންޓަ މިލާން އަތުން 5-0 އިން މޮޅުވެ ޕީއެސްޖީން އަލަށް ޗެމްޕިއަންސް ލީގު ހޯދުމަށް ފަހު، އެ ޓީމުގެ ސަޕޯޓަރުން ވަނީ އެންރީކޭ އާއި ޝާނާ، 2015 ގައި ބާސެލޯނާއާ އެކު އުފާފާޅުކުރިއިރުގެ ފޮޓޯއެއްގެ ބޮޑު ފޮތިގަނޑެއް ދަނޑުގައި ދަމައިފަ އެވެ.

ދަރިފުޅުގެ ހަނދާނުގައި ހުޅުވި ފައުންޑޭޝަނުގެ ލޯގޯ ހިމެނޭ ޓީޝާޓެއް ލައިގެން އުފާފާޅުކުރަމުން ދިޔަ އެންރީކޭ ބުނީ މިއީ އޭނާ އަށް ވަރަށް ޖަޒުބާތީ، އަސަރުގަދަ ވަގުތެއް ކަމަށެވެ.

"ވަރަށް އުފާވޭ އަހަންނާއި، އަހަރެންގެ އާއިލާ މަތިން ސަޕޯޓަރުން ހަނދާންކުރާތީ. އެކަމަށް ޝުކުރުއަދާކުރަން. އެކަމަކު ދަރިފުޅުގެ މަތިން ހަނދާން އާވާކަށް ޗެމްޕިއަންސް ލީގު ކާމިޔާބުކުރަން ނުވަތަ މެޗަކުން މޮޅުވާކަށް ނުޖެހޭ. އަބަދުވެސް އަހަރެންގެ ހިތުގައި ވަނީ އޭނާ،"

އެންރީކޭ ބުނީ ދަރިފުޅު ދުނިޔޭގައި ނެތަސް، އަބަދުވެސް ކައިރީގައި ހުންނަ އިހުސާސްކުރެވޭ ކަމަށެވެ. ބަލިވާ ވަގުތު ވެސް، މޮޅުވާ ވަގުތު ވެސް އެންމެ ކައިރީގައި ހިތްވަރު ދޭން ހުންނަނީ ޝާނާ ކަމަށެވެ.

ރޭގެ ކާމިޔާބާ އެކު އެންރީކޭ އަށް ޕީއެސްޖީގެ ތާރީހުން ޖާގަ މި ލިބުނީ އެ ޓީމަށް ފުރަތަމަ ފަހަރަށް ޔޫރަޕުގެ ޗެމްޕިއަންކަން ހޯދައިދިން ކޯޗުގެ ގޮތުގަ އެވެ. އޭނާ ބުނީ މީގެ ދެ އަހަރު ކުރިން ޕީއެސްޖީއާ ހަވާލުއިރު ވެސް ބޭނުންވީ ޓްރޮފީ ހަރުގަނޑު ފުރާލަން ކަމަށާއި، އޭގެ ތެރެއިން ވެސް އެންމެ ބޭނުންވި ކާމިޔާބީ މި ލިބުނީ ކަމަށެވެ.

"މިކަމުގެ ވަރަށް ބޮޑު ޝުކުރެއް ސަޕޯޓަރުންނަށް ހައްގުވޭ. އަހަރެމެންގެ 12 ވަނަ ކުޅުންތެރިޔަކީ ސަޕޯޓަރުން. ވަރަށް އުފާވެފައި މިހިރީ. ނޭނގޭ ބުނާނެ އެއްޗެއް ވެސް،"