01 ޖޫން 2025 - 10:13

އެމެރިކާއިން ހަމަޖެއްސި އިންތިޒާމެއްގެ ދަށުން ފަލަސްތީނުގެ ޣައްޒާގައި މިހާރު ދޫކުރަމުންދާ އެހީގެ ސާމާނު ހޯދަން އެތައް ހާސް ބަޔަކު ޖަމާވަމުން ދަނިކޮށް އިޒްރޭލުން މިއަދު ހަމަލާދީ 10 މީހަކު ޝަހީދުކޮށްލައިފި އެވެ.
ޣައްޒާގެ ސިވިލް ޑިފެންސް އެޖެންސީން ބުނީ އާންމުންގެ ތެރެއަށް ބަޑި ޖެހުމުގެ ސަބަބުން 10 މީހަކު ޝަހީދުވެފައިވާކަން ކަށަވަރުވެފައި ވާއިރު 100 އަށް ވުރެ ގިނަ މީހުން ޒަހަމްވެފައިވާ ކަމަށެވެ.
"އިޒްރޭލުގެ ވެހިކަލަކުން އާންމުންނާ ދިމާލަށް ބަޑި ޖެހުމުގެ ސަބަބުން 10 މީހަކު ޝަހީދުވެފައި ވާއިރު 100 އަށްވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައި،" ސިވިލް ޑިފެންސް އެޖެންސީގެ ތަރުޖަމާނު މަހްމޫދު ބައްސާލް ވިދާޅުވި އެވެ.
ޣައްޒާއަށް ވަރުގަދައަށް ހަމަލާ ދެމުން ދާއިރު އެ ސަރަހައްދަށް ކާނާ އާއި އާއި ބޯފެނާއި ބޭސް ފަދަ އަސާސީ އެއްވެސް އެއްޗެއް ނުވެއްދޭ ގޮތަށް އިޒްރޭލުން ހުރަސްއަޅާފައި އޮންނަތާ ދެ މަސް ދުވަސް ފަހުން އެހީގެ ބައެއް ސާމާނު ވައްދަން އިޒްރޭލުން ވަނީ ހުއްދަ ދީފަ އެވެ.
އދ. އިން ހިންގާ އެހީގެ މަސައްކަތަށް އިޒްރޭލުން ހުރަސްއެޅުމަށް ފަހު އެމެރިކާ އިސްވެ އޮވެ ޣައްޒާ ހިއުމެނިޓޭރިއަން ފައުންޑޭޝަން (ޖީއެޗްއެފް) އިން ދޫކުރަން ފެށި އެހީގެ ސާމާނު ހޯދަން އެއްތަނަކަށް އެތައް ހާސް ބަޔަކު ވަނީ ޖަމާވެފަ އެވެ. އެ މަސައްކަތް ފެށުމާ އެކު މީހުން ތޮއްޖެހި ކޮންޓްރޯލް ނުވެ ބޮޑެތި ހަމަނުޖެހުންތައް ވެސް ވަނީ ހިނގައިފަ އެވެ. އަދި މީގެ ކުރިން ވެސް އިޒްރޭލު ސިފައިން ވަނީ އެހީ ހޯދަން ދިޔަ މީހުން ކޮންޓްރޯލްކުރަން ކަމަށް ބުނެ ބަޑިޖަހައި ބަޔަކު ޝަހީދުކޮށްފަ އެވެ.
އދ. އިން ބުނީ އެހީ ހޯދަން އާންމުން އުޅޭ ހާލު ފެނުމުން ހިތް ކުދިކުދިވާ ކަމަށާއި އެކަން އެގޮތަށް ނުކޮށް ގައްޒާގެ 2.1 މިލިއަން މީހުންނަށް އެހީ ފޯރުކޮށްދެވޭނެ ތަފްސީލް ޕްލޭނެއް މިހާރުވެސް އެބަ އޮތް ކަމަށެވެ. އދ. އިން ވަނީ ޣައްޒާގައި އެހީގެ މަސައްކަތް އދ.ގެ އުންރުވާ އިން ކުރި ގޮތަށް އެހެން ބަޔަކަށް ނުކުރެވޭނެ ކަމަށް ބުނެފަ އެވެ. އަދި ޖީއެޗްއެފް އިން އެހީ ދޭން ރާވާފައިވާ ޕްލޭން ކަމުނުދާ ކަމަށާއި އެ ޖަމިއްޔާއަށް އދ. އިން އެއްބާރުލުން ނުދޭނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.