01 ޖޫން 2025 - 11:48

އެފްއޭއެމްގެ ފައިިސާ އިން އޭނާ ގަތް ކަމަށް ތުހުމަތުކުރެވޭ ދެ ޕެންޓްހައުސް އަަކީ އޭނާ ތަންތަނެއް ނޫން ކަމަށް އެ އެސޯސިއޭޝަނުގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެ އެވެ.
ކޮރަޕްޝަނުގެ ތުހުމަތުގައި ފީފާ އިން އޭނާ އަށް ކުރިމަތި ކުރި ސަސްޕެންޝަނުގެ މައްސަލަ ބައްސާމް ވަނީ ދުނިޔޭގެ ކުޅިވަރު އާބިޓްރޭޝަން ކޯޓު (ކާސް) ހުށަހަޅައިފަ އެވެ. ބައްސާމަށް ފިޔަވަޅު އެޅީ ރަނގަޅަށްކަން ސާބިތުކުރުމަށް ފީފާގެ ގާނޫނީ ޓީމުން ވަނީ އޭނާ އަށް ތުހުމަތުކުރެވޭ ވަރަށް ގިނަ މައްސަލަތަކެއް ކާސް އަށް ހުށަހަޅައިފަ އެވެ.
އޭގެ ތެރެއިން އެއް މައްސަލައަކީ، ބައްސާމް ކުރިން ދިރިއުޅުނު ހުޅުމާލޭ ދެ ޕެންޓްހައުސްގެ މައްސަލަ އެވެ.
ކޯޓުގައި ފީފާގެ ގާނޫނީ ޓީމުން ބުނީ އަމިން އެވެނިއުގައި ހުންނަ ބައްސާމުގެ ދެ ޕެންޓްހައުސް އާއި އަދި އިތުރު އެޕާޓްމެންޓަކަށް މެއިންޓެނެންސް ފީ ނުދައްކައިގެން އަމިން އިން އޭނާގެ ނަން ލިސްޓެއްގައި ހިމަނާފައިވާ ކަމަށް ރާއްޖޭގެ މީޑިއާއިން ރިޕޯޓްކޮށްފައިވާ ކަމަށެވެ.
"އަމިން" އިން ނެރުނު ލިސްޓްގައި ބައްސާމްގެ ފުރިހަމަ ނަމުގެ ބަދަލުގައި ލިޔެފައި ވަނީ އެހެން ނަމެއްކަން ވެސް ފީފާގެ ގާނޫނީ ޓީމުން ފާހަގަ ކުރި އެވެ. އެ ލިސްޓްގައި އޮތީ "ބައްސާމް އަލީ" ގެ ނަމެވެ.
އިސްތިއުނާފުގެ މައްސަލަ ބެލި ކާސްގެ ފަނޑިޔާރުންގެ ޓީމުން ބުނީ އެ ތަނަކީ ބައްސާމްގެ ތަނެއްކަން އެއިން ކަނޑައެޅޭނެ ޖާގައެއް ނެތް ކަމަށެވެ.
ބައްސާމް ވެސް ވިދާޅުވީ އޭނާގެ ނަމުގައި އެފަދަ އެއްވެސް "ރިއަލް އެސްޓޭޓް ޕްރޮޕަޓީ" އެއް ނުހުންނާނެ ކަމަށެވެ.
ބައްސާމް ކުރިން ދިރިއުޅެމުން ދިޔައީ ދެ ޕެންޓްހައުސް އެއްކޮށްލައިގެން ހަދާފައިވާ އެޕާޓްމެންޓްގަ އެވެ. އެފްއޭއެމްގެ ފައިސާއިން އޭނާ ގަނެފައިވާ ތަނެއް ކަމަށް ތުހުމަތު ކުރެވޭތީ ކޯޓު އަމުރެއްގެ ދަށުން އެތަން، ފުލުހުންނާ ހަވާލު ކުރަން ވެސް އެންގި އެވެ.
އެ އެންގުމާ އެއްގޮތަށް އެތަން ފުލުހުންނާ އެތަން ހަވާލު ކުރީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އެވެ. އަދި ފަހުން ބައްސާމް ވަނީ އެ އެޕާޓްމެންޓް ހަވާލު ކުރަން ކްރިމިނަލް ކޯޓުން ނެރުނު އަމުރު އިސްތިއުނާފަށް ވެސް ހުށަހަޅާފަ އެވެ. އެކަމަކު ހައި ކޯޓުން ނިންމީ އިސްތިއުނާފުގެ އެ މައްސަލަ ބަލައި ނުގަތުމަށެވެ.
އޭނާ އަށް، ފީފާއިން ކުރިމަތި ކުރި ސަސްޕެންޝަނުގެ މުއްދަތު މިދިޔަ މާޗު މަހު ވަނީ ނިމިފަ އެވެ. އޭގެ ކުރިން ފެބްރުއަރީ މަހު ކާސްއިން މައްސަލަ ނިންމީ، ފީފާއިން ބައްސާމަށް ފިޔަވަޅު އެޅީ ރަނގަޅަށް ކަމަށެވެ. ބައްސާމަށް ތުހުމަތުކުރެވޭ ކޮރަޕްޝަނުގެ މައްސަލަތަކެއް މިހާރު ވެސް އަންނަނީ ރާއްޖޭގެ ކްރިމިނަލް ކޯޓުގައި ހިނގަމުންނެވެ.