01 ޖޫން 2025 - 07:23

އިންޑިއާގެ ހައިދަރުއާބާދުގައި އިއްޔެ ބޭއްވި މިސް ވޯލްޑް ގްރޭންޑް ފިނާލޭގައި މިސް ތައިލެންޑް އޮޕަލް ސުޗާޓާ ޗުއަންގްސްރީ މިސް ވޯލްޑްގެ ތާޖު ހޯދައިފި އެވެ.

މި ޝަރަފުވެރި ތާޖު އޭނާގެ ބޮލުގައި އަޅުވައިދިނީ މުމްބާއީގައި 2024 ވަނަ އަހަރުގެ މިސް ވޯލްޑްގެ ތާޖު ހޯދި ޗެކް ރިޕަބްލިކްގެކްރިސްޓީނާ ޕިޒްކޯވާ އެވެ.

އުމުރުން 22 އަހަރުގެ މިސް ތައިލެންޑް އޮޕަލް ސުޗާޓާ ޗުއާންގްސްރީ ކާމިޔާބު ހޯދީ އެންމެ މޮޅު ބައިވެރިންގެ ތެރޭގައި ދެން ހިމެނުނު ރީތީންގެ ރާނީން ކަމަށްވާ މިސް އިތިއޯޕިއާ ހަސެޓް ޑެރޭޖޭ، މިސް ޕޮލެންޑް މާޖާ ކްލަޖްޑާ އަދި މިސް މާޓިނިކް އޮރެލީ ޖޮއާޗިމްއާ ވާދަކޮށެވެ.
ހިޓެކްސް އެގްޒިބިޝަން ސެންޓަރުގައި ބޭއްވި މި އިވެންޓުގައި އެތައް ހާސް ބަޔަކު ބައިވެރިވެފައި ވާއިރު އޭގެ ތެރޭގައި ކުރީގެ މިސް ވޯލްޑް ސްޓެފަނީ ޑެލް ވެލޭ (2016) ހިމެނެ އެވެ.
އިންޑިއާގެ މަޝްހޫރު ޕްރެޒެންޓަރު ސާޗިން ކުމްބާރް ހޯސްޓްކުރި މި އިވެންޓްގައި ބޮލީވުޑްގެ ތަރިން ކަމަށްވާ ޖެކްލިން ފެނާންޑޭޒް އާއި އިޝާން ޚައްތަރުގެ ހިތްގައިމު ލައިވް ޕާފޯމަންސްތައް ދައްކާލި އެވެ.
މުބާރާތުގެ 108 ބައިވެރިން އެންމެ ފުރަތަމަ ސްޓޭޖުގައި ހިނގާލީ ރަސްމީ ފެޝަން ޑިޒައިނަރު އަރްޗަނާ ކޯޗަރުގެ ގައުމީ ކޮސްޓިއުމާއި އިވްނިން ގައުން އަދި އެކްސްކްލޫސިވް ޑިޒައިންތަކުގަ އެވެ.
މި މުބާރާތުގައި ކޮންމެ ބައްރަކުން ބައިވެރިން ހޮވާލައި 10 މީހަކު ސެމީ ފައިނަލަށް ހޮވި އެވެ. އެއީ އެމެރިކާ އަދި ކެރީބިއަން، އެފްރިކާ، ޔޫރަޕް އަދި އޭޝިއާ އަދި އޯޝޭނިއާ ސަރަހައްދުންނެވެ.