20 މާޗް 2017 - 06:17

ވަރަށް މަދުން ނޫނީ ނުޖެހޭ ވައްތަރެއްގެ އިންފެކްޝަނެއް ކަރުތެރެއަށް ޖެހުނު އެމެރިކާ މީހެއްގެ އަތްފައި ބުރިކޮށްލަން ޖެހިއްޖެ އެވެ.

އެމެރިކާގެ މިޗިގަންގެ ގްރޭންޑް ރެޕިޑްސްގައި ދިރިއުޅޭ ކެވިން ބްރީން، 44، އެންމެ ފުރަތަމަ ބަލިވާން ފެށީ މިދިޔަ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު އެވެ. މާބޮޑަށް ވަރުބަލިވެ ގައިގެ އެތަން މިތަނުގައި ރިއްސާތީ އޭނާ ޝަކުވާ ކުރަން ފެށުމުން އޭނާގެ އަންހެނުން ފުރަތަމަ ހީކުރީ ގޭގައި ކުރަން ހުރި މަސައްކަތްތަކުން ރެކެންވެގެން ބަހަނާއެއް ދައްކަނީ ކަމަށެވެ.
ބްރީން އަކީ ވަރަށް ހަރަކާތްތެރި ދިރިއުޅުމެއް އުޅޭ މީހެކެވެ. ނަމަވެސް އޭނާއަށް އަރިދަފުސް ރޯގާ ޖެހެން އުޅޭ ކަހަލަ އަލާމާތްތަކެއް ކުއްލިއަކަށް ފެންނަން ފެށި އެވެ. އެއާ އެކު އޭނާ މާބޮޑަށް ބަލިވެ ބަނޑުގައި ވަރަށް ގަދަޔަށް ރިހެން ފެށި އެވެ.
އޭނާގެ އަންހެނުން ޖޫލީ ބްރީން، 33، ފިރިމީހާ ގޮވައިގެން ހޮސްޕިޓަލުގެ އިމަޖެންސީ ރޫމަށް ދިޔަ އެވެ. ހޮސްޕިޓަލުގައި ފުރަތަމަ ހެދި އަރިދަފުސް ރޯގާގެ ޓެސްޓްތައް ދެއްކީ ނެގެޓިވް ކަމަށެވެ. އެހެންވެ ޑޮކްޓަރުން ބްރީން ގެއަށް ފޮނުވާލި އެވެ. މޭ ނުބައިކުރުމަށާއި ތަދު ކެނޑުވުމަށް ބޭހެއް ދީފަ އެވެ.
ވޮޝިންޓަން ޕޯސްޓަށް ބްރީން ދީފައިވާ އިންޓަވިއުއެއްގައި ބުނި ގޮތުގައި އެ ބޭސްތަކަކުން އޭނާގެ ބައްޔެއް ރަނގަޅެއް ނުވި އެވެ. އަނެއް ދުވަހަކު އޭނާގެ ހާލަތު މާ ބޮޑަށް ގޯސްވެ އަނެއްކާވެސް ހޮސްޕިޓަލަށް ދިޔަ އެވެ.
މިފަހަރު ހެދި ޓެސްޓްތަކުން ޑޮކްޓަރުންނަށް އެނގުނީ ބްރީންގެ ކަރު ތެރޭގައި ހުރި އިންފެކްޝަން އޭނާގެ ބަނޑަށް ދަތުރުކޮށްފައިވާ ކަމެވެ. އަދި އޭނާގެ ކަރު ތެރެއިން ފެނިފައިވާ ބެކްޓިރިއާ އަކީ ވަރަށް މަދުން ނޫނީ ނުފެންނަ ޒާތުގެ ސްޓްރެއިންއެއް ކަން ވެސް ފާހަގަކުރެވުނެވެ. ބަނޑުގައި ޖަރާސީމު އަށަގަތުމުގެ ސަބަބުން ބްރީންގެ ހަށިގަނޑުގައި ބައްޔާ ހަނގުރާމަކުރާނެ ހަކަތައެއް ނެތެވެ.
ބްރީންގެ ސީޓީ ސްކޭނެއް ހެދިއިރު، އޭނާގެ ބަނޑު ތެރެ ދުޅަވެ އަދި ދޮސްލާފައި ހުރުމުގެ ސަބަބުން ހަށިގަނޑުގެ ތެރޭގައިވާ އެހެން ގުނަވަންތަކަށް އޭގެ އަސަރުކޮށް ގުނަވަންތައް ފެއިލް ވާން ފަށާފައިވާކަން ފާހަގަ ކުރެވުނެވެ. އެހެންވެ ސާޖަރީ ހަދައިގެން އިތުރަށް ބެލިއިރު ބަނޑުތެރޭގައި ދޮޅު ލީޓަރެއްހާ ދޮސް ހުއްޓެވެ.
އެ ހޮސްޕިޓަލުގެ ފިޒީޝަން އަދި އެކިއުޓް ކެއާ ސާޖަން ޑރ. އެލިޒަބަތު ސްޓީންސްމާ ވިދާޅުވީ ބަނޑުގައި މިކަހަލަ އިންފެކްޝަނެއް ހުރުމަކީ ވަރަށް މަދުން ނޫނީ ދިމާ ނުވާ ކަމެއް ކަމަށެވެ. އަދި މިގޮތަށް ބަނޑުގައި ދޮސް ފަދަ އެއްޗެހި ހުއްޓާ ގިނަ ފަހަރަށް ފެންނަނީ އެތެރެހަށީގެ ކޮންމެވެސް ގުނަވަނެއް ފަޅައިގެން ދިއުމުން ކަމަށް ވެސް ޑރ. އެލިޒަބަތު ވިދާޅުވި އެވެ.
ނަމަވެސް ޑޮކްޓަރުންނަކަށް ބްރީންގެ ބަނޑުތެރެއިން ދޮސް އަތުވެދާނެ ކަހަލަ ތަނެއް ނުފެނުނެވެ. އެހެންވެ ބަނޑަށް އެހާ ބައިވަރު ދޮސް އެޅެން ޖެހުނު ސަބަބެއް ޑޮކްޓަރުންނަކަށް ވެސް ނޭނގުނެވެ. އެހެންވެ ސާމްޕަލް ނައިގެން ލެބޯޓްރީއަށް ޓެސްޓްކުރަން ފޮނުވި އެވެ. ފަހުން، ބްރީންގެ ހަށިގަނޑުން ރަތްކުލައިގެ ބިހިތަަކެއް ނަގަން ފެށި އެވެ. ބްރީން އަށް ޖެހިފައިވާ ހަގީގީ ބަލި ޑޮކްޓަރުންނަށް ދެނެގަނެވުނީ މިހިސާބުންނެވެ. ދަރިފުޅަށް ސްޓްރެޕް ތުރޯޓު ވަރަށް ފަހުން ޖެހުނުކަމާއި ބްރީން އަށް އެ ބަލި އަރާފައި ވަނީ ދަރިފުޅުގެ ގައިން ކަން ޔަގީންވި އެވެ.
ޑރ. ސްޓީންސްމާ ވިދާޅުވަނީ ސްޓްރެޕް ތުރޯޓް އިންފެކްޝަން އަހަރަކު މިލިއަނެއްހާ މީހުންނަށް ޖެހޭއިރު އެ އިންފެކްޝަން ފިރިހެނެއްގެ ކަރު ތެރޭން ބަނޑު ތެރެއަށް ދަތުރު ކުރިތަން ފެނުނު މިއީ ދެވަނަ ކޭސް ކަމަށެވެ. ބްރީންގެ ބަލި ޑޮކްޓަރުންނަށް ދެނެގަނެވުނަސް އޭނާގެ ބައްޔެއް ފަސޭހައެއް ނުވި އެވެ. މި އިންފެކްޝަންގެ ސަބަބުން ބްރީންގެ ހަށިގަނޑުގައި ވިހަ މާ ބޮޑަށް އިތުރުވެ ސެޕްޓިކް ޝޮކަކަށް ދިޔަ އެވެ. އަދި އިސާހިތަކު އޭނާގެ ހަށިގަނޑުގެ ގުނަވަންތަކުގެ މަސައްކަތް ހުއްޓެން ފެށި އެވެ.
ލޭގެ ޕްރެޝަރު ދަށްވިޔަ ނުދޭން ދިން ބޭހުން ޕްރެޝަރު ދަށް ނުވެ ހިފެހެއްޓުނު ނަމަވެސް އެ ބޭހާ ނުގުޅުމުން ވެސް ބްރީންގެ ހަށިގަނޑަށް އިތުރު ގެއްލުންތަކެއް ކުރިމަތިވި އެވެ. މި ބޭހުން އެތެރެ ހަށީގެ ގުނަވަންތަކަށް ލޭ ފޮނުވައިދިނުން ހަމަޔަކަށް އެޅުނު އިރު ހަމަ މި ބޭހާ ނުގުޅިގެން އޭނާގެ އަތާއި ފައިގެ ޓިޝޫތައް މަރުވާން ފެށި އެވެ. ނަމަވެސް ހުރިހާ މައްސަލަތަކަކާ ހަނގުރާމަކޮށް ބްރީންގެ ހާލަތު ރަނގަޅުވާން ފެށި އެވެ. އަދި އައިސީޔޫއިން ނެރެ ރިހެބް ހޮސްޕިޓަލަކަށް ބަދަލު ކުރި އެވެ.
ބްރީންގެ ހާލަތު ބަދަލުވި އިރު އޭނާގެ އަތާއި ފައިގެ ޓިޝޫތަކުގެ ބޮޑުބައެއް މަރުވެ އެ ބައިތައް ވަނީ ބުރިކޮށްލައިފަ އެވެ. ހަތަރު ސާޖަރީއެއް ހަދައި އަތާއި ފައިގެ ބޮޑު ބައެއް ނަގަން ޖެހުނެވެ. އޭނާގެ ހަށިގަނޑުގައި ވަރެއް ނެތެވެ. އެންމެ ކުޑަމިނުން ޓިޝޫ ކޮޅެއް ނަގާނެ ގާބިލްކަން ވެސް ނެތެވެ. ނަމަވެސް މިހާލުން އަރައިގަންނަން އޭނާ ހުރީ އަޒުމް ކަނޑައަޅައިގެންނެވެ. މަސްނޫއީ ގުނަވަންތައް ޖަހައިގެން އަލުން އަމިއްލަ ފައިމައްޗަށް ކޮޅަށް ތެދުވަން އޭނާ ހިތްވަރާ އެކު މަސައްކަތް ކުރާނެ އެވެ.