ސަންޖޭ ދަތު ކުޅުނު ފެންވަރަށް "މުންނާބާއީ" ނުކުޅެވޭނެ: ޝާހްރުކް
ސަންޖޭ ދަތު ކުޅުނު ފެންވަރަށް "މުންނާބާއީ" ނުކުޅެވޭނެ: ޝާހްރުކް

"މުންނާބާއީ އެމްބީބީއެސް" ގެ ބަތަލަށް ފުރަތަމަ ހަމަޖައްސަން މަސައްކަތް ކުރީ ޝާހްރުކް ޚާނެވެ. ނަމަވެސް އޭނާ އެއްބަސްވާ ގޮތުގައި ސަންޖޭ ދަތު ކުޅުނު ފެންވަރާ ގާތަށް ވެސް އެ ފިލްމު އޭނާއަކަށް ނުކުޅެވޭނެ އެވެ.

އެ ފިލްމުގެ ޕްރޮޑިއުސަރު ވިދޫ ވިނޯދް ޗޯޕްރާ ފުރަތަމަ ބޭނުންވީ ޝާހްރުކް ލައްވާ ފިލްމު ކުޅުވާށެވެ. ނަމަވެސް އެ ދުވަސްކޮޅު އޭނާ ވަރަށް ބޮޑަށް ބަލިވެގެން ޝާހްރުކް ފިލްމު ކުޅުމަށް އިންކާރު ކުރީ އެވެ. ސަންޖޭ ދަތަށް އެ ފިލްމު ލިބުނީ އެހެންވެ އެވެ.

ރާޖްކުމާރު ހިރާނީ ޑައިރެކްޓްކޮށްފައިވާ މި ފިލްމުގައި ސަންޖޭ ކުޅުނު ވަރަށް މަޖާ ގުންޑާއެއްގެ ރޯލަކީ ގިނަ ބަޔަކަށް ވަރަށް ކަމުދިޔަ ރޯލެވެ. އަދި ސަންޖޭގެ ވަޅުޖަހަމުންދިޔަ ކެރިއަރަށް ދިރުން ލިބިގެން ދިޔައީ މި ފިލްމުގެ ސަބަބުންނެވެ.

އެ ފިލްމަށް ނޫނެކޭ ބުނެވުނީތީ މިހާރު އެކަމާ ހިތާމަކުރަންތޯ ނޫސްވެރިއަކު ޝާހްރުކާ ސުވާލު ކޮށްފައިވެ އެވެ. ޝާހްރުކް ބުނީ އޭނާ އެކަމާ އެއްވެސް ވަރަކަށް ހިތާމަ ނުކުރާ ކަމަށެވެ. އެކަމަކު ސަންޖޭ ދަތު ކުޅުނު ގޮތަށް އެ ފިލްމު ނުކުޅެވޭނެ ކަމަށް ވެސް ބުންޏެވެ. އަދި ސަންޖޭ ދަތަށް ވަރަށް ބޮޑަށް ތައުރީފުކުރި އެވެ.