ސަންޖޭ ލީލާ ބާންސާލީ: ކާމިޔާބީ ހޯދަނީ މައްސަލަތަކުގެ ތެރެއިން
ސަންޖޭ ލީލާ ބާންސާލީ: ކާމިޔާބީ ހޯދަނީ މައްސަލަތަކުގެ ތެރެއިން

ޑައިރެކްޓަރު ސަންޖޭ ލީލާ ބާންސާލީ މިހާރު އުފައްދަމުން އަންނަ ފިލްމު "ޕަދްމާވަތީ"ގެ ސެޓު ދެ ފަހަރެއްގެ މަތިން ވަނީ ހަލާކުކޮށްލާފަ އެވެ. ފިލްމުގެ ސެޓަށް ބަޔަކު ގަދަކަމުން ވަދެގަނެ އެއްޗިއްސަށް ގެއްލުންދީ ސަންޖޭގެ މޫނުމަތީގައި ވެސް ޖެހި އެވެ. އަދި ދެ ވަނަ ފަހަރަށް އޭނާ ފިލްމުގެ ސެޓެއް ތައްޔާރުކޮށް ޝޫޓިން ފެށީ ވަރަށް ސިއްރުންނެވެ. ނަމަވެސް ފިލްމުގެ ޝޫޓިން ހިނގަމުންދިޔަ ތަނުގެ ޚަބަރު ވަރަށް ބޮޑަށް ސިއްރުކޮށްފައި ވަނިކޮށް، ތަނުގެ މައުލޫމާތު އެ ފިލްމު އުފައްދާތީ ރުޅިއައިސްގެން އުޅޭ ގްރޫޕަށް ކޮންމެވެސް ބަޔަކު ދިނުމާ އެކު ސެޓުގައި ހުޅުޖަހައި އަންދާލި އެވެ.

ސަންޖޭ ލީލާ ބާންސާލީ: ކާމިޔާބީ ހޯދަނީ މައްސަލަތަކުގެ ތެރެއިން
ސަންޖޭ ލީލާ ބާންސާލީ: ކާމިޔާބީ ހޯދަނީ މައްސަލަތަކުގެ ތެރެއިން

ފުރަތަމަ ބާންސާލީ އަށާއި ސެޓަށް ދިން ވަރުގަދަ ހަމަލާ އަށް ފަހު ވެސް ފިލްމުގެ މަސައްކަތް ކުރިޔަށް ގެންދަން ފެށީ އޭނާގެ ހިތްވަރުގަދަކަމުން ކަން ޔަގީނެވެ. ނަމަވެސް ދެ ވަނަ ފަހަރަށް ވެސް ސެޓް އަންދާ އަޅިޔަށް ހަދާލުމުން އޭނާގެ ހިތް ވަނީ ހަލާކުވެފަ އެވެ. އަންގާރަ ދުވަހުގެ ރޭގެ މި ހަމަލާއަށް ފަހު ބާންސާލީއަށް ހިތްވަރުދީ އޭނާގެ ހިތްހަމަޖައްސައިދޭން ކޯލާޕޫރުގައ ތިބި "ޕަދްމާވަތީ"ގެ މުޅި ޓީމުން ދަނީ މަސައްކަތް ކުރަމުންނެވެ.

ނަމަވެސް މާޒީއަށް ބަލާއިރު ސަންޖޭ އަކީ އެހާ ފަސޭހައިން ބަލި ގަބޫލު ކުރާނެ މީހެއް ނޫންކަން އޭނާ ސާބިތު ކޮށްދީފައިވެ އެވެ.

"ދޭވްދާސް"ގެ ޝޫޓިން ހިނގި ދުވަސްވަރު ވެސް ސަންޖޭ އަށް ވަރަށް ބޮޑެތި މައްސަލަތައް ކުރިމަތިވި އެވެ. ފިލްމަށް ފަންޑުކުރަމުންދިޔަ ޕްރޮޑިއުސަރު ބަލިވެގެން ހޮސްޕިޓަލުގައި އެޑްމިޓް ކުރުމުން ފިލްމަށް ފައިސާ ލިބޭނެ ގޮތް މުޅިން ބަންދުވި ދުވަސްވަރެއް ވެސް ދިޔަ އެވެ. ޖެހިގެން އަންނަ ދުވަހުގެ ޝޫޓިން އަށް ބޭނުންވާ ފައިސާ ވެސް ނެތިގެން އެ ފައިސާ ހަމަޖެހޭތޯ، ޕްރޮޑިއުސަރު ހޮސްޕިޓަލުގައި އޮއްވައި އެތަނަށް ގޮސް ދެކޮޅަށް ހިނގާލަ ހިނގާލާ ކިތަންމެ ރެއަކު ބާންސާލީ ހުރެފައިވެ އެވެ. އަދި އެއް ދުވަހު ފައިސާ ނުލިބި ވެސް ދިޔަ އެވެ. އެކަމާ ހެދި، "ދޭވްދާސް"ގެ މުހިއްމު ރޯލެއް ކުޅުނު ބަތަލާއަކު ޝޫޓިންއަށް ދާން އިންކާރު ކުރި އެވެ.

"ދޭވްދާސް" ނޫނަސް "ބާޖީރާއޯ މަސްތާނީ" އުފެއްދި ދުވަސްވަރު ވެސް ވަރަށް ގިނަ މައްސަލަތައް ބާންސާލީއާ ކުރިމަތިވި އެވެ. ފިލްމާ ދެކޮޅަށް އެތައް ބަޔަކު އަޑު އުފުލުމުގެ އިތުރުން ފާޑުކިޔުންތައް ވެސް އެ ވަރަށް އޭނާއަށް އަމާޒުވި އެވެ. އަދި ފިލްމު ރިލީޒްކުރި ފަހުން ވެސް މަރާޓީ ފިލްމުތަކުގައި ވަރަށް ފުންނާބު އުސް އެކްޓަރަކު ބާންސާލީ އަށް ގުޅައި ވަރަށް ހުތުރު ބަހުން އެއްޗެހި ގޮވި ކަމަށްވެ އެވެ. އެއީ އެ މީހުންގެ ދުވަސްވީ މަރާޓީ ހީރޯއަކު ލައްވައި ނައްޓުވައިގެންނެވެ.

މީގެ އިތުރުން ވެސް "ބްލެކް" އުފެއްދިއިރު ވެސް އެއްފަހަރު އެ ފިލްމުގެ ބޮޑު ސެޓެއް ވެސް އަނދައި އަޅިޔަށްވި އެވެ. މި ހުރިހާ ކަމަކާ ވެސް ކުރިމަތިލައި އެކަންތައްތަކުން އަރައިގަނެ ބާންސާލީ ވަނީ ކާމިޔާބު ހޯދާފަ އެވެ.

އެހެންކަމުން، މާޒީ އަށް ބަލާއިރު މިފަހަރު ވެސް ބާންސާލީ ކާމިޔާބު ހޯދާނެ ކަމަށް ބެލެވެ އެވެ.