19 މާޗް 2017 - 14:11

ރާއްޖޭގައި މިހާރު ފެތުރެމުންދާ ހުމާއި ރޯގާއާ ގުޅިގެން ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް ބައްސަވާ ބޭހާ އެކު ސްވައިން ފްލޫ އަށް ހާއްސަ ވެކްސިންތަކެއް ގެންދިޔައީ ބަހަން ނޫން ކަމަށް ބިލެތްދޫ ދާއިރާގެ މެމްބަރު އަހްމަދު މުބީން މިއަދު ވިދާޅުވެއްޖެ އެވެ.

ހުމާއި ރޯގާ އަށް ރާއްޖެ އިން ބޭރުން ބޭސް އެތެރެކޮށްގެންނާއި އެސްޓީއޯ އިން ބައްލަވައިގެން ފަސްޓް ލޭޑީ ގެންދަވަނީ އެކި ރަށްތަކަށް ބޭހާއި މާސްކު ފަދަ ތަކެތި ބައްސަވަމުންނެވެ. އެކަމަނާ ބައްސަވާ ތަކެތީގެ ތެރޭގައި ރާއްޖޭގައި މިހާރު ފެތުރެމުންދާ ސްވައިން ފްލޫ އަށް ހާއްސަ ވެކްސިން ހުރި ކަމަށް ވެސް ބައެއް މެމްބަރުން ވަނީ ޓްވީޓް ކުރައްވައިފަ އެވެ.
އާބާދީއާ އެއްވަރަށް، ސްވައިން ފްލޫއަށް ހާއްސަ ވެކްސިން ރާއްޖޭގައި ނެތެވެ. އެހެންވެ، ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ނިންމާފައި ވަނީ، ވެކްސިން ހުރި މިންވަރުން އެންމެ ފުރަތަމަ މާބަނޑު މީހުންނަށް ވެކްސިން ދޭށެވެ. އެކި ރަށްތަކުގައި ތިބި މާބަނޑު މީހުންނަށް ވެކްސިން ޖެހުން ކުރިއަށް އެބަދާ ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ.
އާއްމުކޮށް ލިބެން ނުހުންނަ މި ވެކްސިން ފަސްޓް ލޭޑީގެ އޮފީހުން ބަހަމުންދާ ކަމަށް ދޭހަވާ ގޮތަށް ބައެއް މެމްބަރުން ކުރެއްވި ޓުވީޓްތަކާ ގުޅިގެން، ސިއްހީ ދާއިރާގެ ބައެއް ބޭފުޅުން ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. އެއީ، ވެކްސިނަކީ ބޭސް ބަހާ އުސޫލުން އާއްމުންގެ އަތް މައްޗަށް ދޫކޮށްލައިގެންވާނެ އެއްޗަކަށް ނުވާތީ އެވެ.
އެޗްވަންއެންވަން ވެކްސިން ބަހާ ކަމަށް އަމާޒުވެފައިވާ ފާޑުކިއުންތަކާ ގުޅިގެން "މިހާރު" އިން ސުވާލު ދެންނެވުމުން މެމްބަރު މުބީން ވިދާޅުވީ ފަސްޓް ލޭޑީ ފާތުންގެ އޮފީހުން ބަހާ ބޭހާ އެކު އެޗްވަންއެންވަން ވެކްސިން ގެނައި ކަމަށެވެ. އެކަމަކު، އެއީ ބޭސް ދޫކުރާ އުސޫލުން ބަހަން ގެނައި އެއްޗެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
"އެ ވެކްސިން ގެނައީ އެ ހުންނަން ޖެހޭ ޓެމްޕަރޭޗާގައި، ކަމާގުޅޭ މާހިރެއްގެ ލަފަ އާއި ބެއްލެވުމުގެ ދަށުން. އަދި ވެކްސިން ޖެހީ ވެސް ސިއްހީ ދާއިރާގެ ބޭފުޅުން. އެއީ ވަކި ބަޔަަކަށް ގެނައި ވެކްސިނެއް،" އޭނާ ވިދާޅުވި އެވެ.
ބައެއް މީހުންނަށް އެ ވެކްސިން ޖަހާފައިވީ ނަމަވެސް އެއީ ކޮން ބައެއް ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.
މުބީން ވިދާޅުވީ މިހާރު ފެތުރެމުންދާ ހުމަކީ ވެސް ގައުމީ މައްސަލައެއްގެ ގޮތުގައި ނަންގަވައި އާއްމުންނަށް އެހީވާން ފަސްޓް ލޭޑީ ކުރައްވާ މަސައްކަތަށް ބަޔަކު ފާޑުކިޔަމުން ދިޔަ ނަމަވެސް އެކަމަނާގެ މަސައްކަތްޕުޅަށް ޝުކުރު ހައްގު ކަމަށެވެ. މިހާތަނަށް ކުރައްވާފައިވާ އެހެން ކަންކަމެކޭ އެއްގޮތަށް، ބޭސް ބޭއްސެވުމަކީ ވެސް ފަސްޓް ލޭޑީ އިސްވެ ކުރައްވާ އިޖުތިމާއީ ހިދުމަތެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"އެކަމަނާ އެކަން ކުރައްވަނީ ސިއްހީ ދާއިރާ އިން ކުރަން ޖެހޭ ހިދުމަތްތައް ނުކުރާތީއެއް ނޫން، އާއްމުންނަށް އެހީވާން އިޖުތިމާއީ ހިދުމަތެއްގެ ގޮތުގައި،" މުބީން ވިދާޅުވި އެވެ.
މިހާރު ފެތުރެމުންދާ އެޗް1އެން1 އަށް 114 މީހަކު ޕޮޒިޓިވް ވެފައިވާއިރު ދެ މީހަކު ވަނީ އެ ބަލީގައި މަރުވެފަ އެވެ. ބަލި ކޮންޓްރޯލް ކުރުމަށްޓަކައި ސްކޫލްތަކާއި ކޮލެޖް އަދި ޔުނިވާސިޓީތައް ބަންދުކޮށް ރައްކާތެރި ކަމުގެ ފިޔަވަޅުތައް ވަނީ އިތުރުކޮށްފަ އެވެ.