29 މެއި 2025 - 23:21

ނަމްބަރު އައިނު ހައްދަން އާސަންދަ އިން ކޮންމެ ދެ އަހަރަކުން އެއް ފަހަރު ދޭ 1،000 ރުފިޔާގެ ބަދަލުގައި އެ އަދަދު 2،000ރ. އަށް ބޮޑުކުރަން ނިންމާފައިވާ ކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ އިއުލާން ކުރައްވައިފި އެވެ.

ދުނިޔޭގެ ސިއްހަތު ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ އަންނަ ޖޫން މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ލޮލުގެ ނަމްބަރު އައިނު ހައްދަން ކޮންމެ ދެ އަހަރަކުން އެއް އަހަރު އާސަންދައިން 2،000ރ. ލިބޭނެ ގޮތް ހަދަން މިއަދު އިދާރާތަކަށް އަންގަވާފައިވާނެ ކަމަށެވެ.

އެ މަނިކުފާނު ވިދާޅުވީ އާސަންދަ އިން ބޭސް ލިބުމުގައި މި ދޭތެރެއިން ދިމާވި ހިތްނުތަނަވަސްކަން ވެސް ހައްލުކޮށް، މިހާރު ކުރިއެކޭ އެއްގޮތަށް އަދި އެ އަށް ވުރެ ވެސް ރަނގަޅަށް އެކަން ހައްލު ކޮށްފައިވާ ކަމަށެވެ.
ކުރިއަށް އޮތް ދުވަސްތަކުގައި ހުރިހާ ބޭހެއް ހުސްނުވާނެ އަދަދަށް ލިބޭނެ ކަން ޔަގީން ކުރާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
ރައީސް ވިދާޅުވިގޮތުގައި، ރައްޔިތުންގެ ސިއްހީ ދުޅަހެޔޮކަން ރަނގަޅު ކުރަން ސަރުކާރުން ކުރިއަށް ދާނީ ރައްޔިތުން އިސްކޮށްގެން، ގޮންޖެހުންތައް ހައްލުކޮށްގެންނެވެ. އެ މަނިކުފާނު ވިދާޅުވީ ގައުމުގައި ތިބެގެން އެންމެ މަތީ ފެންވަރުގައި ސިއްހީ ހިދުމަތް ލިބޭނެ އިންތިޒާމު ހެެދުމަކީ މި ސަރުކާރުގެ އަމާޒު ކަމަށާއި އެއީ ރައްޔިތުން ވެސް އެދޭނެ ގޮތް ކަމަށެވެ.
ސިއްހީ ދާއިރާ ތަރައްގީ ކުރަން މިދިޔަ ދުވަސްތަކުގައި ވެސް ވަރަށް ގިނަ މަސައްކަތްތައް ކުރެވިއްޖެ ކަމަށާއި އެ ދާއިރާގެ އިންސާނީ ވަސީލަތް އިތުރު ކުރަން ވެސް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ސަރުކާރުން އޮތީ ސިއްހީ ދާއިރާ ތަރައްގީ ކުރަން ކޮންމެ ކަމެއް ވެސް ކުރަން ތައްޔާރަށް ކަމަށާއި އެއީ ގައުމު ތަރައްގީ ކުރެވޭނީ ވެސް ފުރިހަމަ ސިއްހަތެއްގައި ތިބެގެން ކަމަށް ވާތީ ކަމަށެވެ.
ބަލިތައް ނައްތާލުމަށް މި ސަރުކާރުން އެޅި މުހިންމު ފިޔަވަޅުތައް ވެސް ރައީސް މުއިއްޒު ފާހަގަކުރެއްވި އެވެ. އެގޮތުން ވޭޕް މަނާކުރުމާއި ދުންފަތުގެ ޑިއުޓީ ބޮޑުކުރުމާއި ޖެނަރޭޝަން ބޭންއެއް ތައާރަފު ކޮށްފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. އެކަންކަން ތަންފީޒު ކުރެއްވީ ގޮންޖެހުންތަކާ އެކު ކަމަށާއި ނަަމަވެސް މި ސަރުކާރުން އިސްކުރީ ރައްޔިތުން ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް މުއިއްޒު ވަނީ ދުންފަތުގެ ވިޔަފާރި ކުރާ މީހުން އެކަން ދޫކޮށް އެހެން މަސައްކަތެއް ކުރުމަށް މިރޭ ވެސް އެދިވަޑައިގެންފަ އެވެ. ރައީސް ވިދާޅުވީ ދުންފަތުން ނަގާ ޓެކްސްއިން ލިބޭ އާމްދަނީ ހޭދަކުރާނީ ސިއްހީ ދާއިރާ ތަރައްގީ ކުރަން ކަމަށާއި އެ ޓެކްސްގެ އަގު ދަށް ވެސް ނުކުރާނެ ކަމަށެވެ.