29 މެއި 2025 - 16:15

ރައީސް އޮފީހުގެ ކުރިމަތީގައި ހަދާފައިވާ "މީޑިއާ ފެންޑާ" ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ރަސްމީކޮށް ހުޅުއްވައި ދެއްވައިފި އެވެ.

ނޫސްވެރިންނަށް ތިބެވޭ ގޮތަށް މީޑިއާ ފެންޑާގެ ނަމުގައި ތަނެއް ހަދާފައިވަނީ ރައީސް އޮފީހަށް ވަނުމަށް އާންމުކޮށް ބޭނުން ކުރާ ދެކުނު ފަރާތު ދޮރާށީގެ ކުރިމަތީގައި އޮތް ހުސްބިމުގަ އެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި، މި ތަން ހުޅުވުމުގެ މަގުސަދަކީ ރައީސް އޮފީހުގައި ހިނގާ ކަންކަމާއި، އެ ސަރަހައްދުގައި ހިމެނޭ ސަރުކާރު އޮފީސްތަކުގައި ހިނގާ ކަންކަމުގެ މައުލޫމާތު ރަސްމީ ގަޑީގައި ނޫސްވެރިންނަށް ފަސޭހައިން ލިބޭނެ ގޮތް ހަމަޖައްސައިދިނުމެވެ.
ރަސްމީ ގަޑީގައި އެކަނި ފެންޑާ ހުޅުވާފައި ހުރި ނަމަވެސް ނޫސްވެރިންގެ ބޭނުންވެއްޖެ ނަމަ ރަސްމީ މަސައްކަތު ދުވަހަކަށް ނުވިއެއް ކަމަކު 24 ގަޑިއިރު އެ ތަން ބޭނުން ކުރެވޭނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސް އޮފީހުގެ ދަށުން ހިންގާ ފެންޑާ އަށް ވަދެވެނީ އެ ކަމަށް ހާއްސަ ހުއްދަ އޮންނަ ނޫސްވެރިންނަށް އެކަންޏެވެ. އެ ފާސް ދޫކުރަނީ މޯލްޑިވްސް މީޑިއާ ކައުންސިލުން ބަލަހައްޓާ މީޑިއާ ދަފުތަރުގައި ރަޖިސްޓަރީވެގެން، ގަވާއިދުން ހިނގަމުން އަންނަ ރާއްޖޭގެ މީޑިއާތަކަށެވެ.
އެކަމަކު، މިއީ ގްރީން ޒޯން ކަމަށް ވާތީ ގްރީން ޒޯން ބެލެހެއްޓުމުގައި ސަލާމަތީ ބާރުތަކުން އެ ވަގުތަކު ކަނޑައަޅާ ހުރިހާ އުސޫލެއް އެތަނަށް ހިނގާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.