އެއް ގެޔަކުން 23 މީހުންނާ އެކު ޣައްޒާއިން 44 މީހަކު ޝަހީދުކޮށްލައިފި
އެއް ގެޔަކުން 23 މީހުންނާ އެކު ޣައްޒާއިން 44 މީހަކު ޝަހީދުކޮށްލައިފި

ފަލަސްތީނުގެ ޣައްޒާގައި މިއަދު އިޒްރޭލުން ދިން ހަމަލާތަކުގައި 44 މީހަކު ޝަހީދުކޮށްލާފައިވާ ކަމަށް ޣައްޒާގެ ސިވިލް ޑިފެންސް އެޖެންސީން ބުނެފި އެވެ.

"ޣައްޒާގެ އެކި ހިސާބުތަކުގައި ދިން ހަމަލާތަކުގައި ވަނީ 44 މީހަކު ޝަހީދުކޮށްލާފައި،" ސިވިލް ޑިފެންސްގެ އޮފިޝަލް މުހައްމަދު އަލް މުޣައްޔިރް އޭއެފްޕީއަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޣައްޒާގެ މެދުތެރޭގައި އޮންނަ އަލްބުރައިޖް ރެފިއުޖީ ކޭމްޕްގެ އިރުމަތީގައި ހުންނަ ގެޔަކަށް އިޒްރޭލުން ދިން ހަމަލާއެއްގައި 23 މީހަކު ޝަހީދުވެ، އެތައް ބަޔަކު ޒަހަމްވެފައިވެ އެވެ.

އިޒްރޭލުން ޣައްޒާއަށް ދޭ ހަމަލާތައް ވަރުގަދަކޮށްފައި ވަނީ ޣައްޒާއަށް ހަމަލާދޭތާ ދޮޅު އަހަރެއްހާ ދުވަސް ފަހުން ޖެނުއަރީ މަހު ހަމަލާތައް މެދުކަނޑާލުމަށް ފަހު އެވެ. އޭގެ ފަހުން ފަހު މާޗް މަހުގެ 18 ވަނަ ދުވަހު އަލުން ހަމަލާތައް ފަށައި މިހާރު ވަނީ ހަމާސް ނައްތާލުމުގެ ފަހު މަރުހަލާ ފެށުނީ ކަމަށް ބުނެ ކުރިއަށްވުރެ ވެސް ހަމަލާތައް ވަރުގަދަކޮށްފަ އެވެ.

އިޒްރޭލުން އޮކްޓޫބަރު 7، 2023 އިން ފެށިގެން ޣައްޒާއަށް ދެމުން ގެންދާ ހަމަލާތަކުގައި މިހާތަނަށް 54،000 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުވެފަ އެވެ. އަދި މާޗް 18 ވަނަ ދުވަހުން ފެށިގެން މިހާތަނަށް ވެސް 3،800 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައިވެ އެވެ.