29 މެއި 2025 - 15:54

ބީއެމްއެލްގެ ފައިސާގެ މުއާމަލާތްތަކުގެ 99 ޕަސެންޓު ހިންގަނީ ޑިޖިޓަލްކޮށް ކަމަށް އެ ބޭންކުގެ ސީއީއޯ މުހައްމަދު ޝަރީފު ރޭ ވިދާޅުވެއްޖެ އެވެ.

ބާސެލާ ނަސަންދުރާގައި ބޭއްވި އަހަރީ އާންމު ޖަލްސާގައި ޝަރީފު ވިދާޅުވީ، ބީއެމްއެލް އިން އަހަރަކު 220 މިލިއަން ވުރެ ގިނަ ފައިސާގެ މުއާމަލާތްތައް މިހާރު ޑިޖިޓަލްކޮށް، ޕްރޮސެސް ކުރޭ ކަމަށެވެ. އެއީ ގާތްގަނޑަކަށް 540 ބިލިއަން ރުފިޔާގެ މުއާމަލާތެވެ.

"ބީއެމްއެލްގެ ހުރިހާ ބްރާންޗެއްގެ ކައުންޓަރުތަކުން މިހާރު އަހަރެއްގެ މައްޗަށް ކުރެވެނީ ގާތްގަޑަކަށް ހަ ލައްކަ މުއާމަލާތް. މިހާރު ބޭންކުގެ 99 ޕަސެންޓަށް ވުރެ ގިނަ މުއާމަލާތްތައް ކުރަނީ ޑިޖިޓަލް ޗެނަލްތައް މެދުވެރިކޮށް،" އޭނާ ވިދާޅުވި އެވެ.

ޝަރީފު ވިދާޅުވިގޮތުގައި، ބީއެމްއެލްގެ މާލީ ބައިވެރިވުން އިތުރުކުރުމަށްޓަކައި ކޮންމެ ރަށަކުން ވެސް އަސާސީ ބޭންކިންގެ ހިދުމަތް ދިނުމަށް ބްރާންޗް އަދި އޭޓީއެމް ވިއުގަ އަންނަނީ ފުޅާކުރަމުންނެވެ. އޭނާ ވިދާޅުވީ، އެންމެ ބޮޑު އެއް އަމާޒެއް އޮތީ ޑިޖިޓަލް ހިދުމަތްތައް ފުޅާކުރުމަށް ކަމަށާއި ބޭންކުގެ ޑިޖިޓަލް ހިދުމަތްތަކަކީ މިހާރު ވެސް ކަސްޓަމަރުންގެ މެދުގައި މަގްބޫލް ހިދުމަތްތަކެއް ކަމަށެވެ.

ޝަރީފު ވިދާޅުވީ، ކަސްޓަމަރުން މިހާރު ވެސް ދުވާލަކު އެއް މިލިއަން ފަހަރު ބީއެމްއެލް އިންޓަނެޓް އަދި މޮބައިލް ބޭންކިން ބޭނުންކުރާ ކަމަށެވެ. އަދި ބީއެމްއެލް ޕީއޯސް މެދުވެރިކޮށް ދުވާލަކު 150،000 މުއާމަލާތްކުރާ ކަމަށް ވިދާޅުވި އެވެ.

ބީއެމްއެލް ޕީއޯއެސްގެ އިތުރުން ކާޑުތަކުން ދުވާލަކު 238،000 މުއާލަމާތް ކުރެ އެވެ. އަދި އެ ބޭންކުގެ ޑިޖިޓަލް ޓްރާންސްފޯމޭޝަން ވެފައި ވަނީ ބޭންކުގެ ކާމިޔާބީގެ މައިގަނޑު ބިންގަލަށެވެ.

"ޑިޖިޓަލް ހިދުމަތްތައް ފުޅާކުރުމުގެ މަސައްކަތްތަކަށް ލިބުނު އެންމެ ބޮޑު އެއް ކުރިއެރުމަކީ މިދިޔަ މާޗު މަހުން ފެށިގެން ކަސްޓަމަރުންނަށް ބްރާންޗުތަކަށް ޒިޔާރަތް ނުކޮށް، ހުރިހާ ބޭންކިން ހިދުމަތްތަކެއް އޮންލައިންކޮށް ހޯދޭނެ ފުރުސަތު މަގުފަހިވެގެން ދިޔަކަން،" ބީއެމްއެލްގެ ސީއީއޯ ވިދާޅުވި އެވެ.