29 މެއި 2025 - 07:39

ދުނިޔޭގެ އެކި ސަރަޙައްދުތަކުގައި ކޮވިޑް-19 ގެ އާ ވޭރިއަންޓެއް ފެތުރެން ފެށުމާ އެކު އެ ބަލީގެ ކޭސްތައް އިތުރުވަމުންދާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން އިއްޔެ ބުނެފި އެވެ.
މި މަހުގެ މެދުތެރޭގައި ރިޕޯޓްކުރި ސީކުއެންސް ސާމްޕަލްތަކުގެ ގާތްގަނޑަކަށް 11 ޕަސެންޓަކީ އާ ވޭރިއަންޓް، އެންބީ.1.8.1 ކަމަށް ޑަބްލިއުއެޗްއޯއިން ބުންޏެވެ.
އެ އިދާރާއިން ވަނީ މިއީ މޮނިޓަރިންގެ ހާލަތުގައި ވާ ވޭރިއަންޓެއްގެ ގޮތުގައި ގިންތިކޮށް، މިހާރު ހުރި ވެކްސިން ވެސް އާ ވޭރިއަންޓާ ދެކޮޅަށް ބޭނުންކުރެވޭ ކަމަށް ބުނެފަ އެވެ. އަދި އާންމު ސިއްހަތުގެ ބޮޑު ނުރައްކަލެއް އާ ވޭރިއަންޓުގެ ސަބަބުން ނެތް ކަމަށް ވެސް ބުންޏެވެ.
ޑަބްލިޔުއެޗްއޯ އިން ބުނީ ކޭސްތައް އިތުރުވަމުން ދަނީ މައިގަނޑު ގޮތެއްގައި އިރުމަތީ މެޑިޓެރޭނިއަން، ދެކުނު އިރުމަތީ އޭޝިއާ އަދި ހުޅަނގު ޕެސިފިކް ސަރަހައްދުތަކުގައި ކަމަށެވެ. އެމެރިކާގެ އެއާޕޯޓު ސްކްރީނިންތަކުން ވަނީ އެ ސަރަހައްދުތަކުން ކެލިފޯނިއާ، ވޮޝިންޓަން ސްޓޭޓް، ވާޖީނިއާ އަދި ނިއު ޔޯކް ފަދަ ތަންތަނަށް އަންނަ މީހުންގެ ގައިން އާ ވޭރިއަންޓް ދެނެގަނެވިފަ އެވެ.
ސިއްހަތު ޖަމިއްޔާއިން ބުނީ ހުޅަނގު ޕެސިފިކް ސަރަހައްދުގެ ގިނަ ގައުމުތަކަކުން ކޮވިޑް ކޭސްތައް އިތުރުވެ ހޮސްޕިޓަލުގައި އެޑްމިޓްކުރުން އިތުރުވެފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. ނަމަވެސް އާ ވޭރިއަންޓުން ބަލިވުން ކުރީގެ ވޭރިއަންޓުތަކަށް ވުރެ ސީރިއަސް ކަމުގެ އެއްވެސް ހެއްކެއް މިވަގުތު ނެތް ކަމަށް ބުންޏެވެ.
މިއީ ކޮވިޑް-19 ވެކްސިން ޖެހުމާ ބެހޭ ގޮތުން އެމެރިކާގެ ރަސްމީ ސިޔާސަތު ބަދަލުކުރަމުން އަންނަ، ބަހުސް ބޮޑު ދަނޑިވަޅެކެވެ. މިދިޔަ އަންގާރަ ދުވަހު ހެލްތު ސެކްރެޓަރީ ރޮބަޓް އެފް ކެނެޑީ ޖޫނިއާ ވަނީ ކުޑަކުދިންނާއި މާބަނޑު މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް މިހާރު އިރުޝާދު ނުދޭ ކަމަށް ވިދާޅުވެފަ އެވެ. އޭނާ އަކީ ވެކްސިނާ މެދު ޝައްކުތައް އުފައްދާ ބޭފުޅަކަށް ވާތީ ސިއްހީ ތަޖުރިބާކާރުން ގެންދަނީ ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ.