28 މެއި 2025 - 21:31

ބީއެމްއެލް އަށް މިދިޔަ އަހަރު ލިބުނު ފައިދާއިން ހިއްސާއަކަށް 55ރ. ބަހަން އަހަރީ އާންމު ޖަލްސާގައި މިރޭ ފާސްކޮށްފި އެވެ.

ބާސެލޯ ނަސަންދުރާގައި ބޭއްވި އަހަރީ ޖަލްސާގައި އެގޮތަށް ފާސްކުރީ ޖަލްސާގައި ބައިވެރިވި ހިއްސާދާރުންގެ ވޯޓުންނެވެ.
މިއީ މިދިޔަ އަހަރު ހިއްސާގެ ފައިދާގެ ގޮތުގައި ބެހި އަދަދަށް ވުރެ 5 ރުފިޔާ އިތުރު އަދަދެކެވެ. ހިއްސާއަކަށް 55 ރުފިޔާގެ މަގުން، ޖުމްލަ ހިއްސާގެ ފައިދާގެ ގޮތުގައި އެ ބޭންކުން 296 މިލިއަން ރުފިޔާ ބަހާނެ އެވެ.
މިދިޔަ އަހަރު ހިއްސާގެ ފައިދާގެ ގޮތުގައި އެ ކުންފުނިން ވަނީ ޖުމްލަ 269 މިލިއަން ރުފިޔާ ހިއްސާދާރުންނަށް ބަހައިފަ އެވެ.
އެކުންފުންޏަށް މިދިޔަ އަހަރު ވަނީ 2.25 ބިލިއަން ރުފިޔާގެ ފައިދާއެއް ލިބިފަ އެވެ. އެއީ 2023 ވަނަ އަހަރާ އަޅާ ބަލާއިރު ފަސް ޕަސެންޓުގެ އިތުރުވުމެކެވެ. މިދިޔަ އަހަރު ބޭންކުގެ ޖުމްލަ އާމްދަނީގެ ގޮތުގައި 4.7 ބިލިއަން ރުފިޔާ ލިބުނެވެ. މިދިޔަ އަހަރު ބޭންކްގެ ޖުމްލަ އެސެޓު ވަނީ އޭގެ ކުރީ އަހަރަށް ވުރެ ތިން ބިލިއަން ރުފިޔާ އިތުރުވެފަ އެވެ.
ބޭންކުން މިދިޔަ އަހަރު އާއްމުންނާއި ފަރުދުންނާއި ވިޔަފާރިތަކަށް 5.2 ބިލިއަން ރުފިޔާގެ އާ ލޯނު ދޫކުރި އެވެ. އަދި ބޭންކުގެ ރައުސުލްމާލާއި ލިކުއިޑިޓީ ރޭޝިއޯ ގާނޫނު ލާޒިމްކުރާ މިންވަރަށްވުރެ މަތީގައި ހިފަހައްޓާފައިވެ އެވެ.
މިރޭގެ ޖަލްސާގައި ބީއެމްއެލްގެ މިއަހަރުގެ އޮޑިޓަރަކަށް ކަނޑައެޅީ އާނަސްޓް އެންޑް ޔަންގް އެވެ. އެ ކުންފުނިން ހުށަހަޅާފައިވާ އަގަކީ 1.7 މިލިއަން ރުފިޔާ އެވެ.