28 މެއި 2025 - 15:13

ހުޅުމާލޭގެ މާސްޓަޕްލޭނަށް ގެނެސްފައިވާ ބަދަލުތަކަށް އާންމުންގެ ހިޔާލު ހޯދުމަށް އެ ފުރުސަތު އެޗްޑީސީން ހުޅުވާލައިފި އެވެ.

އެ ކުންފުނިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، ހުޅުމާލޭގެ "ރިވައިޒްޑް މާސްޓަޕްލޭނަށް" ހިޔާލު ހުށަހަޅަން ބޭނުންވާ މީހުންނަށް މިހާރު އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
އެޗްޑީސީން ބުނީ އެ މާސްޓަޕްލޭނާ ގުޅޭ ހުރިހާ މައުލޫމާތެއް އެކަމަށް ހާއްސަކޮށް ހަދާފައިވާ ޕޯޓަލްއިން މިހާރު ފެންނަން ހުންނާނެ ކަމަށެވެ. އަދި ބޭނުންވާ މީހަކަށް އޮންލައިންކޮށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު އެ ޕޯޓަލްގެ ތެރެއިން ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
ހިޔާލު ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ މަހު 16 ކަމަށާއި މާސްޓަޕްލޭން ފައިނަލް ކުރާނީ އާންމުންގެ ހިޔާލާއި ހުށަހެޅުންތަކަށް ބެލުމަށް ފަހުގައި ކަމަށް އެޗްޑީސީން ބުންޏެވެ.
ހުޅުމާލޭގެ މާސްޓަޕްލޭނަށް ބަދަލު ގެނައީ ބަނދަރުގެ ޖާގަ ބޮޑުކުރުމާ އެކު، ހުޅުމާލެ އަށް ބޭނުންވާ އިތުރު ތަރައްގީގެ މަޝްރޫއުތަކަށް ފުރުސަތު ހޯދުމުގެ ބޭނުމުގައި ކަމަށް އެޗްޑީސީން ބުނެފައިވެ އެވެ.
ހުޅުމާލޭގެ ތަރައްގީއަށް ބޭނުންވާ މުހިންމު ބަދަލުތައް ހިމަނައިގެން އިސްލާހުކުރި މި އާ މާސްޓަޕްލޭން މިދިޔަ އާދިއްތަ ދުވަހު އިފްތިތާހުކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
މި މާސްޓަޕްލޭން އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު މައުރޫފް ޖަމީލް ވިދާޅުވީ މި މާސްޓަޕްލޭނަކީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ގިނަ ފަސޭހަތައް ހޯދައިދިނުމަށް އިތުރު ވަސީލަތްތަކާ އެކު، ހުޅުމާލެ ތަރައްގީކުރުމަށް ކުރެވޭ މަސައްކަތުގެ މުހިންމު ބައެއް ކަމަށެވެ.
އެޗްޑީސީން އަބަދުވެސް މަސައްކަތްކުރަނީ އާންމުންގެ ހިޔާލާއި މަޝްވަރާއާއެކު ހުޅުމާލެ ތަރައްގީކޮށް، އެންމެ ޒަމާނީ ވަސީލަތްތަކާއެކު ތަރައްގީވެފައިވާ ހިތްފަސޭހަ އައިލެންޑް ސިޓީއަކަށް ހުޅުމާލެ ހެދުމަށް ކަމަށް އެޗްޑީސީން ބުންޏެވެ.