އަހަރެން ހަވާލުވިޔަސް ތަށި ޔަގީން ނުވާނެ: ގާޑިއޯލާ
އަހަރެން ހަވާލުވިޔަސް ތަށި ޔަގީން ނުވާނެ: ގާޑިއޯލާ

މެންޗެސްޓާ (މާޗް 19) - އޭނާ ކޯޗުކަމާ ހަވާލުވިޔަސް އެއްވެސް ޓީމަކަށް ތަށި ޔަގީންނުވާނެ ކަމަށާއި ކޮންމެ ޓީމަކީ ވެސް ތަފާތު ޗެލެންޖެއް ކަމަށް މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

ގާޑިއޯލާ ވަނީ މީގެ ކުރިން އޭނާ ކޯޗުކޮށްދިން ބާސެލޯނާ އާއި ބަޔާން މިއުނިކަށް ގިނަ ކާމިޔާބީތަކެއް ހޯދައިދީފަ އެވެ. މި ސީޒަނުގައި ސިޓީއާ ހަވާލުވުމަށް ފަހު އޭނާގެ ކޯޗުކަމުގައި އެ ޓީމަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ އެއް ފެންވަރެއްގައި ކުޅުން ނުހިފެހެއްޓުމެވެ. ޗެމްޕިއަންސް ލީގުން ކަޓާފައިވާއިރު ޕްރިމިއާ ލީގު ކާމިޔާބުކުރުމަށް އޮތީ ވަރަށް ހަނި ފުރުސަތެކެވެ.

"އަހަރެން ބާސެލޯނާގައި ހުރިއިރު ވެސް އަދި ބަޔާންގައި ހުރިއިރު ވެސް ނުބުނަން ކޮންމެ ސީޒަނެއްގައި ތިން ތަށި ހޯދާނެކަމަށް. އަހަރެން އަބަދުވެސް ބުނަނީ މަަސައްކަތް ކޮށްގެން ކާމިޔާބު ހޯދޭނެ ވާހަކަ. ކުރިން ހުރި ދެ ކްލަބްގައި ވެސް ދިޔައީ އެގޮތަށް. އަހަރެން ޓީމަކާ ހަވާލުވުމަކުން ތަށި ޔަގީނެއް ނުވޭ،" ގާޑިއޯލާ ބުންޏެވެ.

މިދިޔަ ހަފްތާގައި މޮނާކޯ އަތުން ބަލިވެ ޗެމްޕިއަންސް ލީގުން ކެޓުމުން ސިޓީ އަށް މި ސީޒަނުގައި ބާކީ އޮތީ ދެ މުބާރާތެވެ. އެއީ އެފްއޭ ކަޕާއި ޕްރިމިއާ ލީގެވެ. ޕްރިމިއާ ލީގުގެ އެއް ވަނައިގައި އޮތް ޗެލްސީއާ ސިޓީއާ ދެމެދު 13 ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ. އަދި އެފްއޭ ކަޕްގެ ސެމީ ފައިނަލްގައި ސިޓީ ކުޅޭނީ މުބާރާތުގެ އެންމެ ކާމިޔާބު ޓީމު އާސެނަލާ އެވެ.

ޕްރިމިއާ ލީގުގެ ތިން ވަނައިގައި އޮތް ސިޓީ މިރޭ އަމިއްލަ ދަނޑުގައި ކުޅޭނީ ލީގުގެ ހަތަރު ވަނައިގައި އޮތް ލިވަޕޫލްއާ އެވެ.

ގާޑިއޯލާ ބުނީ މިއީ ސީޒަނުގައި އެންމެ މުހިއްމު އެއް މެޗު ކަމަށެވެ.

"އަހަރެމެންނަށް ފެނިއްޖެ ލީގުގެ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ލިވަޕޫލުން ނެރޭ ނަތީޖާތައް. އެ ޓީމު އަތުން އަދި ގަދަ ހައެއްގައި އޮތް ޓީމަކަށް މޮޅެއް ނުވެވޭ. އެކަމަކު އެނގޭ ކަމަކީ ކޮންމެ ޓީމެއް ވެސް ބަލިކުރެވޭނެ ގޮތްތަކެއް ހުންނާނެ. އެކަންތައް ހޯދައިގެން މި މެޗަށް ނުކުމެއްޖެނަމަ މޮޅުވެވޭނެ،" ގާޑިއޯލާ ބުންޏެވެ.

ލިވަޕޫލް ދަނޑުގައި ކުޅުނު މެޗުން ސިޓީ ބަލިވީ 1-0 އިންނެވެ. ގާޑިއޯލާ ކޯޗުކޮށްދިން ޓީމެއް މީގެ ކުރިން އެއް ސީޒަނެއްގެ ލީގުގައި ހަ މެޗުން ބައްޔެއް ނުވެ އެވެ. މި ސީޒަނުގައި ސިޓީ ވަނީ ލީގުގައި މިހާތަނަށް ފަސް މެޗުން ބަލިވެފަ އެވެ.

އަނިޔާގެ ސަބަބުން ދިގު މުއްދަތަކަށް ކުޅުމާ ދުރު ހުރި ސިޓީގެ އިލްކާއި ގުންޑޮގާން އާއި ގަބްރިއެލް ޖީސަސް ނޫން ހުރިހާ ކުޅުންތެރިން ފިޓްކަމަށް ގާޑިއޯލާ ވަނީ ބުނެފަ އެވެ.

ސިޓީ އާއި ލިވަޕޫލް ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 21:30 ގަ އެވެ.