28 މެއި 2025 - 11:18

މިއަހަރުގެ ހައްޖު ދުވަސް ދިމާވާނީ މިހާރުވެސް ރާއްޖޭގެ ކަލަންޑަރުގައި އޮތް ގޮތަށް ޖޫން މަހުގެ ފަސް ވަނަ ދުވަހަށް ކަމަށް ސައުދީ އަރަބިއްޔާއިން ކަނޑައަޅާފައި ވާތީ އީދު ބަންދަށް މިހާރު އޮތް ގޮތް ބަދަލު ނުވާނެ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.
"މި އަހަރުގެ ހައްޖު ދުވަސް ދިމާވަނީ، 5 ޖޫން ވާ ބުރާސްފަތި ދުވަހާ ކަމުގައި ސައޫދީ އަރަބިއްޔާއިން ކަނޑައެޅުއްވުމާ ގުޅިގެން ދަންނަވަމެވެ. ހައްޖު ދުވަހާއި އަޟްހާ އީދާ ގުޅިގެން ބަންދުވާނީ، މިހާރުވެސް ކަލަންޑަރުގައި ބަންދު ކަމަށް ކަނޑައަޅާފައިވާ ދުވަސްތަކެވެ." ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި އެވެ.
ހައްޖު ދުވަސް އަންނަ ހަފްތާގެ ފުރަތަމަ ބުރާސްފަތި ދުވަހާ ދިމާވާތީ އީދު ދުވަހާއި އޭގެ އަނެއް ދުވަސް ދިމާވަނީ ހަފްތާ ބަންދަށެވެ. އީދު ދުވަހާއި އީދާ ގުޅިގެން އަންނަ ބަންދު ހަތަރު ދުވަހުގެ ތެރެއިން ދެ ދުވަހަކީ ހަފްތާ ބަންދެވެ. އެހެންވެ އީދު ބަންދަށް ލިބޭނީ ދެ ދުވަހެވެ. އެއީ އާދީއްތަ އަދި ހޯމަ ދުވަސް ކަމަށްވާ، ޖޫން މަހުގެ 8 އަދި 9 އެވެ.
ބޮޑު އީދަށް ބަންދަށް މިފަހަރު ދެ ދުވަސް ލިބުނަސް މިދިޔަ ކުޑަ އީދުގައި ރޯދަ މަހުގެ ފަހު 10 އާ އެކު ބަންދަށް 15 ދުވަސް ލިބުނެވެ.