27 މެއި 2025 - 21:13

މި އަހަރުގެ ހައްޖު މަހުގެ ހަނދު ސައުދީ އަރަބިއްޔާ އަށް މިރޭ ފެނުމުން މާދަމާ އަކީ ހައްޖު މަހުގެ ފުރަތަމަ ދުވަސް ކަމަށް އެ ގައުމުގެ ސަރުކާރުން ދެންމެ އިއުލާނުކޮށްފި އެވެ.
ސައުދީ ސަރުކާރުން ކުރި އިއުލާނެއްގައި ބުނީ ޒުލްހިއްޖާ މަހުގެ ހަނދު މިރޭ ފެނިފައިވާތީ މާދަމާ އަކީ
މި އަހަރުގެ ހައްޖުގެ މަހުގެ ފުރަތަމަ ދުވަސް ކަމަށެވެ. އެހެންކަމުން އަރަފާތު ދުވަހަކީ އަންނަ މަހުގެ ފަސް ވަނަ ދުވަސް ކަމަށާއި ބޮޑު އީދު ދުވަހަކީ ހަ ވަނަ ދުވަސް ކަމަށެވެ.
ހިޖުރީ ކަލަންޑަރުގައި ވެސް ޒުލްހިއްޖާ މަހުގެ ފުރަތަމަ ދުވަހުގެ ގޮތުގައި އޮތީ މާދަމާ އެވެ. އަދި އަރަފާތު ދުވަހަކީ ވެސް މި މަހުގެ ފަސް ވަނަ ދުވަސް ކަމަށާއި ހަ ވަނަ ދުވަހަކީ ބޮޑު އީދު ކަމަށް ކަލަންޑަރުގައިވެ އެވެ.
ސައުދީ ސަރުކާރުން އެގޮތަށް އިއުލާންކުރުމާ އެކު އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވެސް ވަނީ ރާއްޖޭން ސައުދީގެ ނިންމުމަށް އަމަލުކުރަން ނިންމާފައިވާ ކަން އިއުލާނުކޮށްފަ އެވެ.
މި އަހަރު ރާއްޖެއިން ހައްޖުގެ އަޅުކަމަށްދާ ފުރަތަމަ ގްރޫޕު އިއްޔެ ވަނީ ސައުދީއަށް ގޮސްފަ އެވެ. އާންމުކޮށް ކޮންމެ އަހަރަކު ވެސް ރާއްޖެއަށް ލިބެނީ 1،000 ހައްޖު ކޯޓާ އެވެ. އެކަމަކު މިފަހަރު ލިބުނު ސީދާ އަދަދު އަދި ހާމައެއް ނުކުރެ އެވެ.