27 މެއި 2025 - 21:41

ރާއްޖޭގައި ބޭންކިން ހިދުމަތް ދިނުމަށް ބޭނުންވާ ޕްރީ-އޮޕަރޭޝަނަލް ހުއްދަ އިތުރު ދެ ފަރާތަކަށް މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ދޫކޮށްފި އެވެ.

އެމްއެމްއޭއިން ބުނީ، 19 މެއި ގައި ޕްރީ-އޮޕަރޭޝަނަލް ހުއްދަ ދީފައިވަނީ، މޯލްޑިވްސް ފައިނޭންސް އެންޑް ލީސިން ކޮމްޕެނީ (އެމްއެފްއެލްސީ)، މޯލްޑިވްސް ފައިނޭންސް އެންޑް ލީސިން ބޭންކްގެ ނަމަށް ބަދަލުކުރުމުގެ އިތުރުން، ބީއައިސީ ބޭންކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ބޭންކެއް ގާއިމުކުރުމަށް ކަމަށެވެ.
މި ދެ ފަރާތަށް ވެސް ދޫކޮށްފައިވަނީ ޓިއާ 1 ބޭންކެއް އުފެއްދުމުގެ ހުއްދަ އެވެ.
ހިދުމަތް ފެއްޓުމުގެ ކުރިން ފުރިހަމަ ކުރަންޖެހޭނެ ކަމަށް ކަނޑައަޅާ ޝަރުތުތައް ފުރިހަމަކުރުމުން މި ދެ ފަރާތަށް ރާއްޖޭގައި ބޭންކިން ހިދުމަތް ދިނުމުގެ ހުއްދަ ދެވޭނެ ކަމަށް ވެސް މަރުކަޒީ ބޭންކުން ބުންޏެވެ.
އެމްއެމްއޭއިން ބުނީ މިއީ މާލީ ހިދުމަތްތައް ފުޅާކޮށް، ވާދަވެރިކަން އިތުރުކޮށް، އަދި ރާއްޖޭގެ މާލީ ދާއިރާގެ ދުރު ރާސްތާގެ ކުރިއެރުމަށް އެހީތެރިވެދޭނެ މުހިންމު ފިޔަވަޅުތަކެއް ކަމަށެވެ.