28 މެއި 2025 - 05:59

އިންޑިއާގައި ޒަމާނީ ހަތިޔާރު އުފެއްދުން ކުރާ މަސައްކަތުގެ ދަށުން، އެޑްވާންސް ފައިޓާ ޖެޓެއްގެ ޕްރޮޓޮޓައިޕެއް އުފެއްދުމުގެ ޕްރޮގްރާމަކަށް އިންޑިއާގެ ޑިފެންސް މިނިސްޓަރު ރަޖްނަތު ސިންގް އިއްޔެ ހުއްދަ ދެއްވައިފި އެވެ.
ވާދަވެރި ޕާކިސްތާނާ ދެމެދު ހިނގި ހަމަނުޖެހުންތަކަށް ތިން ހަފުތާ ފަހުން މި ޕްރޮގްރާމަށް ހުއްދަ ދީފައި ވާއިރު ނިއުކްލިއާ ދެ ބާރު ކަމަށްވާ ޕާކިސްތާނާއި ޗައިނާއާ ދެމެދު އިންޑިއާގެ އޮތް ނުތަނަވަސްކަމުގެ ތެރޭ އިންޑިއާއިން ގެންދަނީ އަސްކަރިއްޔާ ޒަމާނީކުރުމުގެ މަސައްކަތް ކުރަމުންނެވެ. އިންޑިއާ އަކީ މިހާރުވެސް މުޅި ދުނިޔޭގައި ވެސް އެންމެ ގިނައިން ހަތިޔާރު ގަންނަ އެއް ގައުމެވެ.
ޑިފެންސް މިނިސްޓަރު ސިންގް، "ފިފްތު ޖެނެރޭޝަން" ގެ އެޑްވާންސްޑް މީޑިއަމް ކޮމްބެޓް އެއާކްރާފްޓް (އޭއެމްސީއޭ) ގެ ޕްރޮޓޯޓައިޕަށް ރުހުން ދެއްވިކަން އިއުލާނުކުރައްވަމުން ވިދާޅުވީ މިއީ އިންޑިއާގެ ދިފާއީ ގާބިލްކަން އިތުރުކުރުމުގެ މަސައްކަތުގައި ވަރަށް ބޮޑު ކުރިއެރުމަކަށް ވާނެ ކަމަށެވެ.
އެއާކްރާފްޓް ޑިޒައިން ކުރުމުގެ ޒިންމާ، ޑިފެންސް މިނިސްޓްރީގެ ދަށުން ހިންގާ ސަރުކާރުގެ އެޖެންސީއެއް ކަމަށްވާ އިންޑިއާގެ އެރޮނޮޓިކަލް ޑިވެލޮޕްމަންޓް އެޖެންސީ (އޭޑީއޭ) އިން ކުރާނީ އިންޑަސްޓްރީގެ އެހެން ފަރާތްތަކާ ގުޅިގެން ކަމަށް މިނިސްޓްރީގެ ބަޔާނެއްގައި ބުންޏެވެ.
"މިއީ އެރޯސްޕޭސް ދާއިރާގައި އަމިއްލަ ފައިމައްޗަށް ތެދުވުމަށް ވަރަށް ބޮޑު ކުރިއެރުމަކަށް ވެގެންދާނެ މުހިންމު ފިޔަވަޅެއް."
ސްޓޮކްހޯމް އިންޓަނޭޝަނަލް ޕީސް ރިސާޗް އިންސްޓިޓިއުޓް (ސިޕްރީ) އިން މިދިޔަ އަހަރު ޝާއިއުކުރި ރިޕޯޓެއްގައި ވާ ގޮތުން އިންޑިއާއިން ހަތިޔާރު ގަންނަ މިންވަރު އިތުރުވަމުން އަންނަ އިރު، 2019 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރާ ދެމެދު މުޅި ދުނިޔެއިން ގަތް ހަތިޔާރުގެ ގާތްގަނޑަކަށް 10 ޕަސެންޓަކީ އިންޑިއާއަށް އިމްޕޯޓްކުރި ހަތިޔާރެވެ.
ދުނިޔޭގެ އެންމެ ބޮޑު އާބާދީ ކަމަށްވާ އިންޑިއާއިން ރަޝިއާގެ އަސްކަރީ އާލާތްތަކަށް ޒަމާނުއްސުރެ ބަރޯސާވެފައި އޮތް އޮތުމާ މަޑުމަޑުން ދުރުވަމުން ދާއިރު އެމެރިކާ، ޖަޕާން އަދި އޮސްޓްރޭލިއާއާ އެކު އުފައްދާފައިވާ ކުއާޑް އެލަޔަންސް ހިމެނޭ ގޮތަށް ހުޅަނގުގެ ގައުމުތަކާ އެކު ދިފާއީ ގުޅުން އަންނަނީ ބަދަހިކުރަމުންނެވެ.
ފްރާންސްގެ ޑަސޯލްޓް އޭވިއޭޝަނުން 26 ރަފާލް ފައިޓާ ޖެޓް ގަތުމަށް އިންޑިއާއިން މިދިޔަ އޭޕްރީލް މަހު ވަނީ މަލްޓި ބިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.
ނަމަވެސް، އިންޑިއާގައި އަސްކަރީ ސާމާނު އުފެއްދުމުގެ ކޮންޓްރެކްޓްތަކަށް 2033 ވަނަ އަހަރުގެ ނިޔަލަށް މަދުވެގެން 100 ބިލިއަން ޑޮލަރު ކަނޑައަޅުއްވާނެ ކަމަށް ޑިފެންސް މިނިސްޓަރު ވަނީ ވައުދުވެވަޑައިގެންފަ އެވެ.