އިމްރާންގެ އިސްތިއުނާފް ޝަރީއަތުގެ އަޑުއެހުމެއް އަންގާރަދުވަހު ބާއްވަނީ
އިމްރާންގެ އިސްތިއުނާފް ޝަރީއަތުގެ އަޑުއެހުމެއް އަންގާރަދުވަހު ބާއްވަނީ

އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބްދުﷲ ގެ މައްޗަށް އިއްވާފައިވާ 12 އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފް އަޑުއެހުމެއް އަންނަ އަންގާރަދުވަހު ބާއްވަން ހައި ކޯޓުން ތާވަލުކޮށްފި އެވެ.

މެއި، 2015 ގައި އިދިކޮޅު ފަރާތްތަކުން ބޭއްވި މުޒާހަރާގައި ހަމަނުޖެހުމަށް ހިތްވަރު ލިބޭ ގޮތަށް ވާހަކަ ދެއްކެވި މައްސަލާގައި ޓެރަރިޒަމްގެ ކުށް ސާބިތުވެ، އިމްރާން ޖަލަށް ލާން ކްރިމިނަލް ކޯޓުން ކުރި ހުކުމް އިސްތިއުނާފް ކުރަން އޭނާގެ ފަރާތުން ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް ކުރިން އޮތީ ނިންމާލައިފަ އެވެ.

އެކަމަކު އެ މައްސަލަ ބަލާ ފަނޑިޔާރުންގެ ބެންޗަށް ބަދަލު އައިސްފައިވާތީ، އަންގާރަދުވަހު ބާއްވާ އަޑުއެހުމަކީ ފަނޑިޔާރުންގެ ބެންޗަށް ބަދަލު އައުމުން، އިޖްރައާތު ފުރިހަމަ ކުރަން ބާއްވާ އަޑުއެހުމެއް ކަމަށް ބެލެވެ އެވެ. އަޑުއެހުންތައް ނިމިފައި ވަނިކޮށް، ފަނޑިޔާރުންގެ ބެންޗަށް ބަދަލެއް އަތުވެއްޖެ ނަމަ އިތުރު އަޑުއެހުމެއް އާންމު އުސޫލުން ބާއްވާނެ އެވެ.

މައްސަލަ ބަލާ ބެންޗަށް ބަދަލު އައީ އެ މައްސަލަ ބެލި ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު ޝުޖާއު އުސްމާނު ހައި ކޯޓުގެ ދެކުނު ގޮތްޕަށް ބަދަލު ކުރުމުންނެވެ.

އިމްރާންގެ މައްސަލައިގެ އަޑުއެހުމެއް މިދިޔަ މަހު ވެސް ބާއްވަން ތާވަލްކުރި އެވެ. އެކަމަކު އެ ދުވަހުގެ އަޑުއެހުން ކެންސަލްކުރީ އެވެ.

އިމްރާން ޖަލަށްލާން ހުކުމް ކުރިޔަސް އިމްރާން މިދިޔަ އަހަރުން ފެށިގެން ހުންނަވަނީ ގޭ ބަންދުގަ އެވެ. އިމްރާން ގޭ ބަންދަށް ބަދަލުކުރީ ޖަލުގެ މަރާމާތެއް ކުރަމުންދާތީ އެވެ.