27 މެއި 2025 - 17:37

ރާއްޖޭގެ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދަތުރުފުޅު ކުރެއްވި މަތިންދާބޯޓެއްގައި ބޮމެއް އޮތް ކަމުގެ އިންޒާރު ލިބިގެން ކުއްލި ހާލަތުގައި އެހެން ގައުމަކަށް ބޯޓު ޖައްސައި، އެ މަނިކުފާނު އެހެން ފްލައިޓެއްގައި ވަޑައިގެންފި އެވެ.
ބޭރުގެ ނޫސްތަކުން ރިޕޯޓުކުރާ ގޮތުގައި މިދިޔަ އަންގާރަ ދުވަހު ބޮމެއް އޮތް ކަމުގެ އިންޒާރު ދިނީ ޔުނައިޓެޑް އެއާލައިންގެ ވައިޑްބޮޑީ ބޮއެން 777 ގެ ފްލައިޓެއް ހަވާއީގެ ހޮނޮލޫލޫ އިން ލޮސް އެންޖަލީސް އަށް ދަތުރުކުރަމުން ދަނިކޮށެވެ. އެހެންވެ ބޯޓު އަނބުރާ އިމަޖަންސީގައި ޖައްސަން ޖެހުނީ އެވެ.
އެނގިފައިވާ ގޮތުގައި ބޮމުގެ އިންޒާރާ އަނބުރާ ފްލައިޓު ޖެއްސުމުން ނައިބު ރައީސް ހުސައިން ދެން ވަޑައިގަތީ އެހެން ފްލައިޓެއްގަ އެވެ.
މި ހާދިސާ ހިނގީ ބްލޫ ޕްލެނެޓް އެލަޔަންސްގެ ހާއްސަ ދައުވަތަކަށް ނައިބު ރައީސް ހަވާއީއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައި ރާއްޖެ އަށް ވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅުގަ އެވެ.
އެ ބޯޓުގައި ބޮމެއް އޮތްކަމުގެ ލިޔުމެއް ހިއްޕާފައި އޮތީ ފާހާނައިގެ ލޯގަނޑުގަ އެވެ.
އެ ހާދިސާއާ ގުޅިގެން ޔުނައިޓެޑް އެއާލައިނުން ނެރުނު ބަޔާނެއްގައި ބުނީ 339 ފަސިންޖަރުންނާއި 10 ކްރޫންނާ އެކު ދަތުރުކުރި ފްލައިޓު ވަނީ ރައްކާތެރިކަމާ އެކު އަނބުރާ ހޮނޮލޫލޫގައި ޖައްސާފައި ކަމަށެވެ.
އެ މައްސަލަ އެމެރިކާގެ އެފްއައިބީން ވެސް އަންނަނީ ތަހުގީގު ކުރަމުންނެވެ.