27 މެއި 2025 - 15:25

ޕާކިސްތާނަށް ޖާސޫސްކޮށްދިން ކަމުގެ ތުހުމަތުގައި ޕެރަމިލިޓަރީ ފުލުހަކު ހައްޔަރުކޮށްފައިވާ ކަމަށް އިންޑިއާގެ ކައުންޓާ ޓެރަރިޒަމް އެޖެންސީން ބުނެފި އެވެ.
މިދިޔަ އޭޕްރީލް މަހުގެ 22 ވަނަ ދުވަހު ކަޝްމީރުގެ އިންޑިއާ ފަޅީގައި ޓޫރިސްޓުންގެ ބަޔަކަށް ހަމަލާދީ މަރާލުމުން އެއީ ޕާކިސްތާނުގެ ތާއީދާ އެކު ދިން ހަމަލާއެއް ކަމަށް ތުހުމަތުކޮށް އިންޑިއާއިން އިސްވެ ޕާކިސްތާނަށް ހަމަލާ ދިނުމުން ކުރި ހަނގުރާމާގައި 70 މީހަކު މަރުވެފައިވެ އެވެ.
ނެޝަނަލް އިންވެސްޓިގޭޝަން އެޖެންސީ (އެންއައިއޭ) އިން ބުނީ ޕާކިސްތާނުގެ އެޖެންޓުންނަށް ސެންސިޓިވް މައުލޫމާތު ދިން ކަމުގެ ތުހުމަތުގައި ސެންޓްރަލް ރިޒާވް ޕޮލިސް ފޯސްގެ އޮފިސަރަކު ދިއްލީގައި ހައްޔަރުކޮށްފައިވާ ކަމަށެވެ.
"ތުހުމަތުކުރެވޭ މޯތީ ރާމް ޖާޓް އަކީ ޖާސޫސް ކުރުމުގެ ހަރަކާތްތަކުގައި އަމަލީ ގޮތުން ހަރަކާތްތެރިވާ މީހެއް. އޭނާ އަކީ 2023 ވަނަ އަހަރުން ފެށިގެން ޕާކިސްތާނުގެ އިންޓެލިޖެންސް އޮފިސަރުންނަށް ގައުމީ ސަލާމަތާ ގުޅޭ ސިއްރު މައުލޫމާތު ފޯރުކޮށްދެމުން އައިސްފައިވާ މީހެއް،" އެންއައިއޭ އިން ބުންޏެވެ.
ޖާޓް ކޯޓަށް ހާޒިރުކުރުމުގެ އަންނަ މަހުގެ ހަވަނަ ދުވަހާ ހަމައަށް ބަންދުގައި ބަހައްޓަށް އަމުރު ދީފައިވާ ކަމަށް އެންއޭއައި އިން ބުންޏެވެ.
ޖާސޫސް ކުރުމުގެ ތުހުމަތުގައި އިތުރު 10 މީހަކު މި މަހުގެ ތެރޭގައި އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން ހައްޔަރުކޮށްފައިވާ ކަމަށް އެ ގައުމުގެ ނޫސްތަކުން ބުނެފައިވެ އެވެ.
އެފަދަ ތުހުމަތެއްގައި ހަރްޔާނާ ސްޓޭޓުން ޓްރެވަލް ބްލޮގަރަކު ވެސް ވަނީ ހައްޔަރުކޮށްފަ އެވެ. އެ ގައުމުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ތުހުމަތު ކުރެވޭ އަންހެން މީހާ އަކީ މަދުވެގެން ދެ ފަހަރެއްގެ މަތިން ޕާކިސްތާނަށް ގޮސް، އެ ގައުމުގެ އެމްބަސީގެ އޮފިޝަލަކާ މުއާމަލާތް ކޮށްފައިވާ މީހެކެވެ.
ޖާސޫސްކުރުމުގެ ތުހުމަތަށް ދެން ހައްޔަރުކުރި މީހުންގެ ތެރޭގައި ދަރިވަރުންނާއި ސެކިއުރިޓީ ގާޑުންނާއި ވިޔަފާރިވެރިން ވެސް ހިމެނެ އެވެ.