27 މެއި 2025 - 12:58

އެޗްޑީސީއާ ގުޅޭ އެކި މައްސަލަތައް، ކާކުކަން ނޭނގޭ ގޮތަށް ހުށަހެޅޭ ގޮތް ހަދައިފި އެވެ.
ސަރުކާރު ކުންފުނިތަކުގެ ތެރެއިން މިފްކޯ އިން ވެސް މީގެ ދެ އަހަރެއް ކުރިން ވަނީ ވިސްލްބްލޯ ކުރާ ފަރާތްތަކަށް ފުރުސަތު ދިނުމުގެ ގޮތުން ޕޯޓަލެއް ހެދި އެވެ.
އެޗްޑީސީގެ ވިސްލްބްލޯ ޕޯޓަލްގެ ދަށުން، އެ ކުންފުނީގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ހިންގާ ހުރިހާ ކަމެއް ރިޕޯޓުކުރަން ފުރުސަތު ލިބެ އެވެ.
ޕޯޓަލްގައިވާ ގޮތުން މުވައްޒަފުންނާއި އާންމުންނަށް ވެސް މައްސަލަތައް ރިޕޯޓުކުރެވޭނެ އެވެ.
އެޗްޑީސީން ބުނީ ކޮންމެ މީހަކު ގޯހެއް ހެދިޔަސް ނުވަތަ މަކަރާއި ހީލަތުން ކަންކަން ކުރިޔަސް އެކަމާ ދެކޮޅަށް ވާހަކަ ދެއްކުމަށް ބާރު އެޅުމުގެ ގޮތުން ހަދާފައިވާ މި ޕޯޓަލަކީ ރައްކާތެރި ގޮތެއްގައި މީހާގެ ސިއްރު ހިފެހެއްޓޭނެ ގޮތަށް މައުލޫމާތު ދެވޭނެ ޕޯޓަލެއް ކަމަށެވެ.
ފޯރުކޮށްދޭ މައުލޫމާތުގެ ހެކީގެ ގޮތުގައި ޑޮކިއުމަންޓް ވެސް ހުށަހެޅޭނެ އެވެ.
އެފަދަ މައްސަލަތައް ބެލުމަށް ފަހު 21 ދުވަހުގެ ތެރޭގައި ފިޔަވަޅު އަޅާނެ ކަމަށާއި އޭގެ ތެރޭގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ޕޮލިހުންނަށް މައްސަލަ ހުށަހަޅާނެ ކަމަށް އެޗްޑީސީން ބުންޏެވެ. އެ މައްސަލަ ބެލުމަށް އިތުރު ވަގުތު ހޭދަވާ ނަމަ އެކަން ވެސް ވިސްލްބްލޯކުރާ ފަރާތަށް އަންގާނެ ކަމަށް އެ ޕޯޓަލްގައިވެ އެވެ.
މީހުންގެ ވަނަވަރު ނޭނގޭ ގޮތަށް [އެނޮނިމަސް] ކޮށް، އެޗްޑީސީގެ ކޮރަޕްޝަނުގެ މައްސަލަތައް ރިޕޯޓުކުރެވޭނެ އިންތިޒާމު ހަމަޖެއްސިއިރު އެ ކުންފުންޏާ ގުޅޭ މައްސަލަތަކެއް މީގެ ދުވަސްކޮޅެއް ކުރިން ފެށިގެން އަންނަނީ ބަލަމުންނެވެ. އަދި އެ މައްސަލަތަކުގެ ތެރެއިން ބޮޑެތި ތުހުމަތުތަކެއް ކުރެވި އޭރު މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އިބްރާހިމް ފަޒުލް ރަޝީދު ވަނީ އިސްތިއުފާ ވެސް ދެއްވައިފަ އެވެ.