26 މެއި 2025 - 18:10

މި އަހަރު ރާއްޖެއިން ހައްޖަށް ދާ މީހުން މިއަދު ފުރަން ފަށައިފި އެވެ.

މި އަހަރު ލިބުނު 1,000 ކޯޓާގެ ތެރެއިން މިއަދު ފުރީ 235 މީހުންނެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ އެކި ފްލައިޓުތަކަށް ބަހާލައިގެން، މި އަހަރުގެ އެންމެ ފަހު ގްރޫޕު ރާއްޖެއިން ފުރާނީ އަންނަ ހުކުރު ދުވަހު ކަމަށެވެ.
ހައްޖުވެރިންނަށް ފަސޭހަކޮށްދިނުމަށް ރާއްޖެއިން ވަނީ "މައްކާ ރޫޓު އިނީޝިއޭޓު"ގައި ބައިވެރިވެފަ އެވެ.
މައްކާ ރޫޓް އިނީޝިއޭޓިވް"އަކީ ހައްޖުވެރިން އަމިއްލަ ގައުމުން ފުރުމުގެ ކުރިން، ދެ ގައުމުގެ އިމިގްރޭޝަނުން ކުރަން ޖެހޭ ކަންކަން އަމިއްލަ ގައުމުގެ އެއާޕޯޓުގައި ތިބެ ނިންމައިގެން ފުރޭނެ އިންތިޒާމް ހަމަޖައްސައިދޭ ޕްރޮގްރާމެކެވެ.
އަދި ޖިއްދާގެ އެއާޕޯޓުގެ އިމިގްރޭޝަންގައި ހައްޖުވެރިން މަޑުކުރަން ނުޖެހި ސީދާ ހޮޓަލަށް ދިޔުމާއި، ހައްޖުވެރިންގެ ލަގެޖްތައް ވެސް ސީދާ ހޮޓަލަށް ގެންދިޔުމުގެ އިންތިޒާމު ހަމަޖައްސައިދޭނެ އެވެ.
ރާއްޖެއަކީ މި އިނީޝިއޭޓިވްގައި ހިމެނި 8 ވަނަ ގައުމެވެ. އެހެންވެ، މިއީ ދިވެހި ހައްޖުވެރިންނަށް ލިބުނު ތާރީހީ ބޮޑު ފަސޭހައެއްގެ ގޮތުގައި އިސްލާމިކް މިނިސްޓްރީން ސިފަކޮށްފައިވެ އެވެ.
"މައްކާ ރޫޓް އިނީޝިއޭޓިވް"އަކީ 2018 އިން ފެށިގެން ސައުދީ ސަރުކާރުން އެ ގައުމުގެ ހައްޖު މިނިސްޓްރީ އާއި އިންޓީރިއާ މިނިސްޓްރީގެ ދަށުން ތަންފީޒު ކުރަމުންދާ، ސައުދީ ވިޝަން 2030 ގައި ހިމެނޭ ކަމެކެވެ.