ދުބާއީގައި ބާގާއެއް 10،000 ޑޮލަރަށް ވިކިއްޖެ
ދުބާއީގައި ބާގާއެއް 10،000 ޑޮލަރަށް ވިކިއްޖެ

ވަރަށް މީރުކޮށް ހަދާފައިވާ ބޮޑު ބާގާއެއް ދުބާއީގައި 10،000 އެމެރިކާ ޑޮލަރަށް ވިކިއްޖެ އެވެ.

ނީލަމެއްގައި މި ބާގާ ގަނެފައި ވަނީ ދުބާއީގައި ނެރޭ ލައިފްސްޓައިލް މަޖައްލާއެއް ކަމަށްވާ "ވިލާ 88" ގެ ބާނީ އަސްމާ އަލް ފަހީމެވެ.

މި ބާގާ ހަދާފައި ވަނީ ހަތް ބީފް ޕެޓީޒްއާ އެކުގަ އެވެ. އެއީ ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ)ގެ ކޮންމެ ރަށަކަށް އެއްޗެކެވެ. ޒަމާންވީ ޗެޑަ ޗީޒް އާއި ބޭކަން ބޭނުންކޮށްގެން ސެފްރޮން ބްރިއޯޗް ބަނަހެއްގަ އެވެ.

ދުބާއީގެ ޝާހީ އާއިލާއަށް ނިސްބަތްވާ ކައްކާއެއް ކަމަށްވާ ޝައިޚް މުހައްމަދު ބިން އަބްދުﷲ އައް ސާނީ ތައްޔާރުކުރި މި ބާގާގެ އަގަކީ ދުނިޔޭގެ ރެކޯޑެކެވެ.

"މީގެ ދެ އަހަރު ކުރިން އަހަރެމެން ވަނީ 7000 ޑޮލަރަށް ބާގާއެއް ވިއްކައިގެ ރެކޯޑް ހަދާފައި. މި އަހަރު ބޭނުންވީ އެ ރެކޯޑް މުގުރާލަން،" ސާނީގެ ބަޔާނެއްގައި ބުނެފައިވެ އެވެ. "ލިބުނު ފައިސާ ހަދިޔާކުރާނީ އުރަމަތީގެ ކެންސަރާ މެދު ހޭލުންތެރިކަން އިތުރުކުރުމާއި ކެންސަރަށް ހިލޭ ޓެސްޓްކޮށްދިނުމުގެ މަސައްކަތަށް."

ބާގާ ނީލަން ކިޔުމުގެ މަސައްކަތް ކުރިއަށް ގެންދިޔައީ ވެސް އުރަމަތީ ކެންސަރާ މެދު ހޭލުންތެރިކަން އިތުރު ކުރުމަށް މަސައްކަތްކުރާ ޕިންކް ކެރަވަން ޖަމިއްޔާއިންނެވެ. ބާގާއާ އެކު އެހެން ބައެއް ޑިޝްތައް ވެސް ނީލަން ކިޔާފައިވެ އެވެ. އެ ހުރިހާ އެއްޗެއްގެ އަގާ އެކު މުޅި ނީލަމުން 29،633 ޑޮލަރު ލިބުނެވެ.