26 މެއި 2025 - 16:19

ލ. މުންޑޫ ސްކޫލުގެ ވަޒީފާއަށް ހާޒިރުނުވާ މުވައްޒަފެއްގެ ނަމުގައި މުސާރަ ނަގާފައިވާ މައްސަލައެއްގައި އެ ސްކޫލްގެ ކުރީގެ ޑެޕިއުޓީ ޕްރިންސިޕަލް އާދަމް އަލީގެ މައްޗަށް ދައުވާކޮށްދޭން އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހަށް ފޮނުވައިފި އެވެ.
އޭސީސީން ބުނީ މުންޑޫ ސްކޫލުގެ ވަޒީފާއަށް ހާޒިރުނުވާ މުވައްޒަފަކު، ސިވިލް ސާވިސް ގަވައިދާ އެއްގޮތަށް ވަޒީފާ އިން ވަކިނުކޮށް، މުވައްޒަފުންގެ މުސާރަ ޝީޓުގައި އޭނާގެ ނަން ހިމަނައި، ހުއްދަދިން ފަރާތެއްގެ ހައިސިއްޔަތުން އަލީ އާދަމް ސޮއިކޮށް އެޑިއުކޭޝަން މިނިސްޓްރީއަށް ފޮނުވާފައިވާ ކަމަށެވެ.
ނަމަވެސް އޭސީސީން ހާމަކުރި މައުލޫމާތަށް ބަލާއިރު މުސާރަ ނެގީ އަލީ އާދަމް ކަމެއް ނުވަތަ އެ މުސާރަ ޖަމާވީ ވަކި ނުކޮށް ހުރި މުވައްޒަފަށް ކަމެއް ސާފެއް ނޫނެވެ.
އޭސީސީން ބުނި ގޮތުގައި 2015 ވަނަ އަހަރުގެ ޖުލައި މަހުން ފެށިގެން އެ އަހަރުގެ ނޮވެމްބަރާ ހަމައަށް، މުސާރަ ދީފައިވެ އެވެ.
އެ މައްސަލާގައި އަލީ އާދަމްގެ މައްޗަށް ދައުވާކޮށްދޭން އެދިފައި ވަނީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ ދަށުން ދައުލަތަށް ފައިދާއެއް ވާން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލުކުރުމުގެ ކުށުގެ ދައުވާ އެވެ.
އެ މައްސަލާގައި ދައުލަތަށް 28،317.99 ގެ ގެއްލުން ލިބިފައިވާ ކަމަށާއި އެ ފައިސާ އަނބުރާ ހޯދުމަށް މުންޑޫ ސްކޫލަށް ވެސް އަންގާފައިވާ ކަމަށް އޭސީސީން ބުންޏެވެ.