19 މާޗް 2017 - 10:28

ލަންޑަން (މާޗް 19) – ވެސްޓް ހޭމް ޔުނައިޓެޑް އަތުން 3-2 އިން މޮޅުވެ ލެސްޓާ ސިޓީން 11 މަސް ދުވަހަށް ފަހު ރަށުން ބޭރުގައި ޕްރިމިއާ ލީގުގެ މެޗަކުން މޮޅުވެއްޖެ އެވެ.
އެ ޓީމު އެންމެ ފަހުން ރަށުން ބޭރުގައި މޮޅުވީ މިދިޔަ އަހަރުގެ އޭޕްރިލް 16 ވަނަ ދުވަހު ސަންޑަލެންޑް އަތުން 2-0 އިންނެވެ.
މިދިޔަ ސީޒަނުގައި އެ ޓީމަށް ލީގު ކާމިޔާބުކޮށްދިން ކޯޗު ކްލައުޑިއޯ ރަނިއޭރީ ވަކިކުރުމަށް ފަހު ލެސްޓާ ކުޅުނު ހަތަރު މެޗުން ވެސް މޮޅު ހޯދާފައިވާއިރު އެ ޓީމު ވަނީ ރެލިގޭޝަން ޒޯނާ ވެސް ފެޔަށް ޖެހިލައިފަ އެވެ. އެ ޓީމު މިވަގުތު އޮތީ 30 ޕޮއިންޓާ އެކު 15 ވަނައިގަ އެވެ.
ރޭގެ މެޗުގެ ފުރަތަމަ ހަތް މިނެޓުގެ ތެރޭގައި ލެސްޓާ އިން ވަނީ ދެ ލަނޑު ލީޑެއް ނަގައިފަ އެވެ. ގޯލް ޖަހައިދިނީ ރިޔާޒް މާރޭޒާއި ރޮބަޓް ހުތެވެ. ވެސްޓް ހޭމުގެ މެނުއަލް ލަންޒިނީ 20 ވަނަ މިނެޓުގައި އެ ޓީމަށް ތަފާތު ކުޑަކޮށްދީފައިވަނިކޮށް ލެސްޓާ އަށް ތަފާތު ބޮޑުކޮށްދިނީ 38 ވަނަ މިނެޓުގައި ޖެމީ ވާޑީ އެވެ. ވެސްޓް ހޭމުގެ ދެ ވަނަ ގޯލް 63 ވަނަ މިނެޓުގައި ޖެހީ އަންދްރޭ އަޔޫ އެވެ.
ލެސްޓާގެ ކޯޗު ކްރެއިގް ޝެކްސްޕިއާ ބުނީ މެޗެއް ކާމިޔާބުކުރަން ފުރިހަމަކުރަން ޖެހޭ ހުރިހާ ކަމެއް އޭނާގެ ޓީމުން ކުރި ކަމަށެވެ. އެކަމަކު އޭނާ ބުނީ ވެސްޓް ހޭމަށް ވެސް ސާބަސް ހައްގުވާ ކަމަށާއި ދެ ވަނަ ހާފުގައި އެ ޓީމުން ލެސްޓާ ހާސްކޮށްލި ކަމަށެވެ.
"ކެސްޕާ އަށް ޖެހުނު މުހިއްމު ސޭވްތަކެއް ކުރަން،" ޝެކްސްޕިއާ ބުންޏެވެ.