19 މާޗް 2017 - 10:56

ވަކީލެއްގެ ހައިސިއްޔަތުން ކޯޓުތަކުގައި ވަކާލާތު ކުރުމުގެ ކުރިން ފުރިހަމަ ކުރަންޖެހޭ އޮރިއެންޓޭޝަން ޕްރޮގްރާމް ނުފެށޭތީ ގިނަ ވަކީލުންތަކަށް ވަކާލާތު ނުކުރެވި ތިބޭތާ ގިނަ ދުވަސްތަކެއް ފަހުން އެ ޕްރޮގްރާމް އިއްޔެ ފަށައިފި އެވެ.
މިދިޔަ އޮކްޓޫބަރު މަހު ހުވާކުރި 100 އަށް ވުރެ ގިނަ ވަކީލުންނަށް އޮރިއެންޓޭޝަން ޕްރޮގްރާމް ނުހިންގާ އޮތުމުން، ގަވާއިދު އޮތްގޮތުން އެއިން އެއްވެސް ވަކީލަކަށް ކޯޓުތަކުގައި ވަކާލާތެއް ނުކުރެ އެވެ. އަދި އެ ގަވާއިދުގެ ދަށުން އެ ވަކީލުން ތިބެންޖެހެނީ އެއް އަހަރު ވަންދެން ޓްރޭނީ ވަކީލުންގެ ގޮތުގަ އެވެ. އެހެންވެ، އެ ވަކީލުން ދިޔައީ އެކަމުގެ ޝަކުވާ ކުރަމުންނެވެ.
އެ ވަކީލުންނަށް ވަކާލާތު ނުކުރެވި ފަސް މަހަށް ވުރެ ގިނަ ދުވަސްވީ ފަހުން އިއްޔެ ފެށި އެ ޕްރޮގްރާމްގައި ރާއްޖޭގެ ކޯޓުތަކުގެ އިޖްރައާތުތަކާއި ޖުޑިޝަލް އެތިކްސްއާ ގުޅޭ މައުލޫމާތު ދޭނެ ކަމަށް ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ބުނެއެވެ. މިފަހަރުގެ ޕްރޮގްރާމްގައި 90 އަށް ވުރެ ގިނަ ވަކީލުން ބައިވެރިވެ އެވެ.
ވަކީލުކަމުގެ ހުއްދަ ދިނުމުގެ ގަވާއިދުގެ ދަށުން ހިންގަން ލާޒިމްކުރާ އެ ޕްރޮގްރާމް ހިންގަނީ ޖުޑިޝަލް އެކަޑަމީންނެވެ. އެ ޕްރޮގްރާމް ކުރިން ބާއްވަން ރޭވުމަށް ފަހު އޭރު ވަނީ ކެންސަލްކޮށްފަ އެވެ. އެނގިފައިވާ ގޮތުގައި އެ ޕްރޮގްރާމް ލަސްވީ ބަޖެޓުގެ ދަތިކަން ކުރިމަތިވުމުންނެވެ.