ޣައްޒާގައި ސްކޫލަކާއި ގެޔަކަށް ހަމަލާދީ 52 މީހަކު ޝަހީދުކޮށްލައިފި
ޣައްޒާގައި ސްކޫލަކާއި ގެޔަކަށް ހަމަލާދީ 52 މީހަކު ޝަހީދުކޮށްލައިފި

އިޒްރޭލުން ފަލަސްތީނުގެ ޣައްޒާގައި ދެމުން ގެންދާ ހަމަލާތައް ވަރުގަދަކޮށްފައި ވާއިރު ރޭ ފަތިހު ދިން ހަމަލާތަކެއްގައި ވެސް 52 މީހަކު ޝަހީދުކޮށްލައިފި އެވެ.

ޣައްޒާ ހިސާރުކޮށްގެން ތިބޭތާ ތިން މަސް ވާން ގާތްވެ، ކާބޯތަކެތި ހުސްވެ ހައިހޫނުކަން އާންމުވެފައި ވާއިރު ވެސް ވަރުގަދައަށް ދެމުންދާ ހަމަލާތަކުގައި މިއަދު ހަމަލާ ދިން ސްކޫލަކީ ގެދޮރު ގެއްލުމުގެ ސަބަބުން ހާލުގައި ޖެހިފައިވާ މީހުން ހިމާޔަތް ހޯދަމުން އަންނަ ތަނެކެވެ.

ޣައްޒާގައި ސިވިލް ޑިފެންސް އެޖެންސީގެ ތަރުޖަމާނު މަހްމޫދު ބައްސާލް ވިދާޅުވީ ހަމަލާ އަމާޒުވި ފަހްމީ އަލް ޖަރްޖަވީ ސްކޫލްގެ ތެރެއިން މަދުވެގެން 33 މީހެއްގެ ހަށިގަނޑު ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. އަދި މި ހަމަލާގައި މަދުވެގެން 60 މީހަކު ޒަހަމްވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ތަރުޖަމާނު ވިދާޅުވި ގޮތުގައި މިއީ އެތައް ސަތޭކަ ބަޔަކު ހިމާޔަތް ހޯދަމުން އަންނަ ސްކޫލެކެވެ.

އިޒްރޭލުގެ އަސްކަރިއްޔާއިން މިފަހަރު ވެސް ބުނީ ހަމަލާ ދީފައިވަނީ ހަމާސް އާއި އިސްލާމިކް ޖިހާދު "ކޮމާންޑް އެންޑް ކޮންޓްރޯލް" ސެންޓަރަކަށް ކަމަށެވެ. އަދި އާންމުންނަށް ގެއްލުން ކުޑަކުރުމަށް ވަރަށް ގިނަ މަސައްކަތްކޮށްފައި ވާނެ ކަމަށް ބުންޏެވެ.

މީގެ އިތުރުން އިޒްރޭލުން ޣައްޒާގެ އާންމުން އުޅޭ ގެޔަކަށް ވެސް ހަމަލާދީފައިވާ ކަމަށާއި އެ ހަމަލާގައި މަދުވެގެން 19 މީހަކު ޝަހީދުވިކަން މިހާތަނަށް ކަށަވަރުވާ ކަމަށް ސިވިލް ޑިފެންސް އެޖެންސީން ބުންޏެވެ.

ރޭ ފަތިހު 52 މީހަކު ޝަހީދުކޮށްލާފައި ވާއިރު އިއްޔެ ވެސް 22 މީހަކު ޝަހީދުކޮށްލި އެވެ.

އިޒްރޭލުން އޮކްޓޫބަރު 7، 2023 އިން ފެށިގެން ޣައްޒާއަށް ދެމުން ގެންދާ ހަމަލާތަކުގައި މިހާތަނަށް 54،000 މީހަކު ޝަހީދުވެފައިވާ ކަމަށް ހެލްތު މިނިސްޓްރީގެ ހިސާބުތަކުން ދައްކަ އެވެ. އަދި މިދިޔަ ޖެނުއަރީ މަހު ހަމަލާތައް މެދުކަނޑާލުމަށް ފަހު މާޗް 18 ވަނަ ދުވަހުން ފެށިގެން މިހާތަނަށް ވެސް 3،800 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައިވެ އެވެ.