25 މެއި 2025 - 19:28

ފަލަސްތީނުގެ ޣައްޒާގައި އިޒްރޭލުން ދެމުން ގެންދާ ހަމަލާތަކުގައި ހާލުގައި ޖެހިފައިވާ މީހުން އުޅޭ ޓެންޓުތަކަށް ވެސް ހަމަލާދީ ރެޔާއި މިއަދު 22 މީހަކު ޝަހީދުކޮށްލާފައިވާ ކަމަށާއި އޭގެ ތެރޭގައި ބަނޑަށް ހަތް މަހުގެ މާބަނޑު މީހަކު ވެސް ހިމެނޭ ކަމަށް ޣައްޒާގެ ސިވިލް ޑިފެންސް އެޖެންސީން ބުނެފި އެވެ.
ސިވިލް ޑިފެންސް އެޖެންސީގެ ތަރުޖަމާނު މަހްމޫދު ބައްސާލް ވިދާޅުވީ އުތުރުގައި އޮންނަ ޖަބާލިއާގެ ގެއަކަށް ދިން ހަމަލާއެއްގައި ހަތް މީހަކު ޝަހީދުކޮށްލާފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ ހަމަލާދިން ގޭގެ ގާތަކުގެ ތެރޭގައި އަދިވެސް މީހުން ތާށިވެފައި އެބަތިބި ކަމަށާއި އެކަމަކު ސިވިލް ޑިފެންސް އެޖެންސީގައި، އެ ގާތައް ނަގައި މީހުން ސަލާމަތްކުރުމަށް ބޭނުންވާނެ އުޅަނދުތައް ނެތް ކަމަށެވެ.
ޣައްޒާގެ މެދުތެރޭގައި އޮންނަ ނުސީރަތުގައި، އިޒްރޭލުގެ އަނިޔާވެރިކަމުގެ ސަބަބުން ގެދޮރުގެއްލި ހާލުގައި ޖެހިފައިވާ މީހުން އުޅޭ ޓެންޓުތަކަށް ވެސް ހަމަލާއެއް އަމާޒުކުރި ކަމަށާއި ބަނޑަށް ހަތް މަހުގެ މާބަނޑު މީހާ ޝަހީދުވީ އެ ހަމަލާގައި ކަމަށް ތަރުޖަމާނު ވިދާޅުވި އެވެ. އެ ހަމަލާގައި އިތުރު އެހެން މީހަކު ވެސް ޝަހީދުވި އެވެ. މާބަނޑު މީހާގެ ބަނޑުގައި އޮތް ދަރިފުޅު ވެސް ސަލާމަތް ނުކުރެވުނު ކަމަށް އޭނާ ވިދާޅުވި އެވެ.
ނުސީރަތުގައި ދިން ހަމަލާތަކުގައި ޝަހީދުވި މީހުންގެ ތެރޭގައި ސިވިލް ޑިފެންސްގެ ޑައިރެކްޓާ އޮފް އޮޕަރޭޝަންސް އަޝްރަފް އަބޫ ނާރާއި އޭނާގެ އަނބިކަނބަލުން ވެސް ހިމެނެ އެވެ.
މީގެ އިތުރުން ދީރުލް ބަލަހް އާއި އުތުރުގައި އޮންނަ ބައިތު ލަހިޔާ އާއި ދެކުނުގެ މައި ސިޓީ ކަމަށްވާ ޚާން ޔޫނިސްގެ ވަށައިގެން ވެސް ނުރައްކާތެރި ހަމަލާތަކެއް ދީފައިވެ އެވެ.
ތަރުޖަމާނު ވިދާޅުވީ މި ހުރިހާ ހަމަލާތަކެއްގައި މަދުވެގެން 22 މީހަކު ޝަހީދުވި ކަމަށާއި އޭގެ ތެރޭގައި ކުޑަކުދިން ވެސް ހިމެނޭ ކަމަށެވެ.
އިޒްރޭލުން އޮކްޓޫބަރު 7، 2023 އިން ފެށިގެން ޣައްޒާއަށް ދެމުން ގެންދާ ހަމަލާތަކުގައި މިހާތަނަށް 53،939 މީހަކު ޝަހީދުވެފައިވާ ކަމަށް ހެލްތު މިނިސްޓްރީގެ ހިސާބުތަކުން ދައްކަ އެވެ. އަދި މިދިޔަ ޖެނުއަރީ މަހު ހަމަލާތައް މެދުކަނޑާލުމަށް ފަހު މާޗް 18 ވަނަ ދުވަހުން ފެށިގެން މިހާތަނަށް ވެސް 3،785 މީހަކު ޝަހީދުވެފައިވާ ކަމަށް ބުންޏެވެ.