19 މާޗް 2017 - 10:53

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މަދުވެގެން 1،000 ހައުސިން ޔުނިޓް އިމާރާތް ކުރުމަށް ކުރިމަތިލުމުގެ ފުރުސަތު ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ހުޅުވާލައިފި އެވެ.
މިއީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އެ ކުންފުނިން ހިންގާ ފުރަތަމަ މަޝްރޫއެވެ. ނަމަވެސް ސަރުކާރުން ވަނީ ހުޅުމާލޭގައި 15،000 ހައުސިން ޔުނިޓް އަޅަން އެކި ގައުމުތަކުގެ ހަތް ކުންފުންޏަކާ ހަވާލުކޮށްފަ އެވެ.
ހުޅުމާލެ ތަރައްގީކުރާ ކުންފުނީގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ، ވީހާ ވެސް ގިނަ ބަޔަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ގޮތުން، ދެވަނަ ފިޔަވަހީގައި މަދުވެގެން 1،000 ޔުނިޓް އަޅަން ޕްރޮޕޯސަލް ހުށަހަޅަން ހުޅުވާލާފައިވާ ކަމަށެވެ.
"މި މަޝްރޫއުގެ ދަށުން ކޮންމެ ފަރާތަކަށް ވެސް ހުށަހެޅޭނީ މަދުވެގެން 1،000 ހައުސިން ޔުނިޓް އަޅަން. އެގޮތުން ވީ އެންމެ ގިނަ އަދަދެއްގެ އެޕާޓްމަންޓްތަކެއް ހަދަން ވަނީ ނިންމާފައި،" އޭނާ ވިދާޅުވި އެވެ.
އޮފިޝަލް ވިދާޅުވި ގޮތުގައި މި ޕްރޮޖެކްޓަށް ކުރިމަތިލުމުގެ ފުރުސަތު ރާއްޖެ އާއި ބޭރުގެ ފަރާތްތަކަށް ވެސް އޮންނާނެ އެވެ.
"މި ޕްރޮޖެކްޓް ހަވާލުކުރާއިރު ވީ އެންމެ އަވަހަށް ނިންމައިދޭނެ ބަޔަކަށް އިސްކަން ދެވޭނެ. ސަރުކާރުން ބޭނުން ވަނީ މި ޕްރޮޖެކްޓް ވީހާ ވެސް އަވަހަކަށް ފަށައި، ގިނަ ބަޔަކަށް ބޯހިޔާވަހިކަން ފޯރުކޮށްދޭން،" އޭނާ ވިދާޅުވި އެވެ.
އެޗްޑީސީން ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ، އެ ޕްރޮޖެކްޓަށް ބޭނުންވާ ފައިސާ ހޯދަން ޖެހޭނީ އެ މަޝްރޫއު ކުރިއަށް ގެންދާ ފަރާތުން ކަމަށެވެ. އަދި ޕްރޮޖެކްޓަށް ކުރިމަތިލާއިރު، ބީލަމުގެ ސެކިއުރިޓީގެ ގޮތުގައި 100،000 ޑޮލަރު ހުށަހަޅަން ޖެހޭ ކަމަށް ވެސް އިއުލާނުގައި ބުނެފައިވެ އެވެ.