19 މާޗް 2017 - 10:03

ލަންޑަން (މާޗް 19) – މުސްތަގުބަލާ މެދު ނިންމާ ގޮތެއް ވަރަށް އަވަހަށް އިއުލާންކުރާނެ ކަމަށް މި ސީޒަނަށް ފަހު އެ ޓީމުގެ ކޮންޓްރެކްޓް ހަމަވާ ކޯޗު އާސެން ވެންގާ ބުނެފި އެވެ.
ޕްރިމިއާ ލީގުގައި ރޭ ވެސްޓް ބްރޮމް އަތުން 3-1 އިން އާސެނަލް ބަލިވި މެޗާ އެކު ވެންގާ އަށް ވަނީ އިތުރު ފާޑުކިޔުންތަކެއް އަމާޒުވެފަ އެވެ. ލީގުގައި އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން ހަތަރު މެޗުން ބަލިވިއިރު އެ ޓީމު ވަނީ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުން ވެސް ކަޓައިފަ އެވެ.
ވެންގާ އާސެނަލާ 1996 ވަނަ އަހަރު ހަވާލުވީ ފަހުން އެ ޓީމު ގަދަ ހަތަރަކުން ކަޓާފައިނުވާއިރު އެ ބިރު މި ފަހަރު ވަނީ ބޮޑުވެފަ އެވެ.
"އަހަންނަށް އެނގޭ އަހަރެން ހަދާނެ ގޮތެއް. ވަރަށް އަވަހަށް އެނގޭ،" ވެންގާ ބުންޏެވެ. "މެޗަކަށް ފަހު މެޗެއް ބަލިވަމުން މިދަނީ. އެއީ އަހަރެން މާބޮޑަށް ކަންބޮޑުވާ ކަމެއް، އަހަރެންގެ ކުރިމަގަށް ވުރެ. އެހެންވެ ކުރިމަގާ މެދު މިވަގުތު ކޮންމެހެން ވިސްނަން ބޭނުމެއް ނޫން."
ވެންގާ އަށް އާސެނަލުން ވަނީ ދެ އަހަރުގެ ކޮންޓްރެކްޓެއް ދީފަ އެވެ. އެކަމަކު ސަޕޯޓަރުން އަންނަނީ އޭނާ ދިއުމަށް ގޮވާލަމުންނެވެ.
އިންގްލެންޑުގެ ކުރީގެ ފޯވާޑް އެލަން ޝިއަރާ ބުނީ ވެންގާ ފެންނަނީ ވަރަށް ބޮޑަށް މާޔޫސްވެފައިވާ މީހެއްގެ ގޮތުގައި ކަމަށާއި އޭނާ މި ސީޒަނަށް ފަހު ދާނެ ކަމަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށެވެ.
އާސެނަލް އޮތީ 50 ޕޮއިންޓާ އެކު ފަސް ވަނައިގަ އެވެ. ހަތަރު ވަނައިގައި އޮތް ލިވަޕޫލާ ދެމެދު ފަސް ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ.