25 މެއި 2025 - 14:27

މި އަހަރު ރާއްޖެއިން ހައްޖަށް ދާ މީހުން މާދަމާ ފުރަން ފެށުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ބާރުބޮޑުވާނެތީ ފަސިންޖަރުން ތިން ގަޑިއިރު ކުރިން ޗެކިން ވާން މިއަދު އިލްތިމާސްކޮށްފި އެވެ.
ވެލާނާ އެއާޕޯޓް ހިންގާ އެމްއޭސީއެލް އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ހައްޖުވެރިން ފުރަން ފެށުމުން އެއާޕޯޓުގެ މަގުތަކާއި ޓާމިނަލަށް ބާރުބޮޑުވާނެތީ އެންމެ ލަސްވެގެން ތިން ގަޑިއިރު ކުރިން ޗެކިން ވާން ފަސިންޖަރުން އެއާޕޯޓަށް ދިއުމަށް އެދޭ ކަމަށެވެ.
އެއާޕޯޓުގެ މުވައްޒަފުންގެ އިރުޝާދުތަކަށް ބޯލެނބުމަށް ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.
"މި ބިޒީ ވަގުތުގައި އެއާޕޯޓުގެ ޓްރެފިކް ފްލޯއަށް ބުރޫނާރާނެ ގޮތް ހެދުމަށް ކުރާ މަސައްކަތަށް ޓެކްސީ ސެންޓަރުތަކާއި ޑްރައިވަރުން ވެސް އެއްބާރުލުން ދިނުމަށް އެދެން. ތިޔަ ދެއްވާ އެއްބާރުލުމަށް ޝުކުރު އަދާކުރަން،" އެމްއޭސީއެލުން ބުންޏެވެ.
ހައްޖުވެރިންގެ ފުރަތަމަ ގްރޫޕް މާދަމާ ފުރާނެ އެވެ. އެ ފްލައިޓުގައި 235 ހައްޖުވެރިން ސައުދީއަށް ދާނެ އެވެ.
ހައްޖުވެރިންގެ ދެވަނަ ގްރޫޕް ފުރާނީ އަންނަ އަންގާރަ ދުވަހު އެވެ. އެ ދުވަހު އޮންނަ ފްލައިޓުން 257 ހައްޖުވެރިން ދަތުރުކުރާނެ އެވެ. އަދި ތިންވަނަ ފުލައިޓުން އަންނަ ބުރާސްފަތި ދުވަހު 250 ހައްޖުވެރިން ސައުދީއަށް ދާނެއިރު، އަންނަ ހުކުރު ދުވަހު އޮންނަ ފަހު ފްލައިޓުގައި 250 ހައްޖުވެރިން ސައުދީއަށް ދާނެ އެވެ.
މީލާދީ ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ހައްޖު ދުވަހަކީ އަންނަ މަހު ފަހެކެވެ.
ހައްޖުވެރިން ފުރަން ހަމަޖެހިފައިވާ ދުވަސްތަކުގައި އެއާޕޯޓްގެ ޓްރެފިކް ބާރުބޮޑުވާނެތީ، އެކަމަށް ސަމާލުވުމަށް ފުލުހުން ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.