25 މެއި 2025 - 11:40

މަކަރާއި ހީލަތް ހެދުމުގެ ކުށުގެ ރެކޯޑު އޮންނަ ޒައިދާން ހާޝިމް، އެކި ދުވަސްމަތިން "ފުޑީސް ޑެލިވަރީ" އިން ކާބޯތަކެތި އޯޑަރުކުރުމަށް ފަހު، ފައިސާ ދެއްކި ކަމަށް ފޭކް ސްލިޕްތަކެއް ފޮނުވި މައްސަލާގައި ހައްޔަރުކޮށްފި އެވެ.
ގ. ސިނަމާލެ 1 05-13، ޒައިދާން އަކީ މަކަރާއި ހީލަތް ހަދައި މީހުންގެ އަތުން ފައިސާ އަތުލާތީ އެތައް ފަހަރެއްގެ މަތިން ހޯދަން ވެސް އިއުލާންކޮށްފައިވާ މީހެކެވެ.
އޭނާ މިފަހަރު ހައްޔަރުކުރީ، ފުޑީސް އެޕް މެދުވެރިކޮށް ކާއެއްޗެހި ގެނެއުމަށް ފަހު ފައިސާ ނުދެއްކި މައްސަލައިގަ އެވެ.
ފުލުހުން ބުނީ ތަފާތު އެކި ދުވަސްމަތިން ފުޑީސް ޑެލިވަރީއަށް ކާބޯތަކެތި އޯޑަރުކުރުމަށް ފަހު، އޭނާ ދިޔައީ ސައްހަ ނޫން ސްލިޕްތައް ހަދައި، "ފުޑީސް ޑެލިވަރީ" އަށް ފޮނުވަމުން ކަމަށެވެ. އެކަމަކު އެކި ދުވަސްމަތިން އޯޑަރުކުރި ކާބޯތަކެއްޗަށް އަރާ އަގެއް ސާފެއް ނޫނެވެ.
ފުލުހުން ބުނި ގޮތުގައި އޭނާއަކީ މަކަރާއި ހީލަތުން ކުށުގެ އަމަލު ހިންގާފައިވާ ކަމުގެ ރެކޯޑު އޮންނަ މީހެކެވެ.
އެ މައްސަލައާ ގުޅިގެން އޭނާ ހައްޔަރުކޮށް، ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ވަނީ 15 ދުވަސް ޖަހައިދީފަ އެވެ.
ފޭކް ކުންފުންޏެއްގެ ނަމުގައި އޮޅުވާލައިގެން މަކަރާއި ހީލަތުން މީހުންގެ އަތުން މުދާ ގަނެވިއްކި މައްސަލާގައި 2022 ގައި ވެސް ޒައިދާން ހައްޔަރުކުރި އެވެ.
ފުލުހުން އޭރު ކްރިމިނަލް ކޯޓުގައި ބުނެފައި ވަނީ ހުޅުމާލޭގައި ހުންނަ މަޝްހޫރު ހާޑްވެއާ ފިހާރައެއް ކަމަށްވާ "ހޯމްވޯކް" އިން، އޭނާ ބޮޑެތި އަދަދުތަކުން ގަނެވިއްކުމުގެ މުއާމަލާތް ކޮށްފައިވާއިރު، އެ މުދަލުގެ އަގަށް ވަގުތުން ފައިސާ ދޭން ޖެހޭއިރު، އޭނާގެ ނަމުގައި އާއި އޭނާގެ ކުންފުނީގެ ނަމުގައިވާ އެއްވެސް އެކައުންޓެއްގައި އެ މިންވަރަށް ފައިސާ ނެތް ކަމަށެވެ.