25 މެއި 2025 - 09:14

މިއަދުގެ ރީތި ތާރީހާ ގުޅުވައިގެން މާލޭގައި 59 ކައިވެނި ކުރަން ހަމަޖެހިފައިވާ ކަމަށް ފެމިލީ ކޯޓުން ބުނެފި އެވެ.

އެހާ ގިނަ ކައިވެނިތަކެއް މިއަދު ފެމިލީ ކޯޓުން ކޮށްދެނީ މިއަދަކީ މި އަހަރު އަންނަ އެންމެ ރީތި ތާރީހުތަކުގެ ތެރެއިން އެއް ތާރީހަށް ވާތީ އެވެ. އެހެންވެ، މިއަދުގެ ތާރީހު ކަމަށްވާ 25-05-25 ގައި 59 ކައިވެނި އެ ކޯޓުން އެކަނި ކޮށްދޭނެ އެވެ.
ފެމިލީ ކޯޓުން ބުނީ، ސަރުކާރުގެ ރަސްމީ ގަޑީގައި 23 ކައިވެނި އަދި ނުރަސްމީ ގަޑީގައި 36 ކައިވެނި ކޮށްދޭނެ ކަމަށެވެ.
އެހާ ގިނަ ބަޔަކު މިއަދު ކައިވެނި ކުރާތީ ފެމިލީ ކޯޓުގެ ބޭރުގައި ވަނީ ޓެންޓު ޖަހައި، މީހުންނަށް އެ ތަނުގައި އިށީނެދެވޭނެ ގޮތަށް ގޮނޑި ޖަހައިފަ އެވެ.
މިދިޔަ އަހަރު އެންމެ ފަހުން އައި ރީތި ތާރީހު، 24-12-24 ގައި މާލޭގައި 52 ކައިވެނި އޮތެވެ.
ކުރީގެ އަހަރުތަކުގައި ހަފުތާ ބަންދު ދުވަސްތަކުގައި ކޯޓުގައި ކައިވެނިކޮށް ނުދިން ނަމަވެސް ގިނަ މީހުންގެ އެދުމުގެ މަތިން މި އަހަރު ހަފުތާ ބަންދު ދުވަސްތަކުގައި ވެސް ކޯޓުގައި ކައިވެނިކޮށްދޭނެ ވަނީ ނިންމައިފަ އެވެ.