އާ ދެ ކީޕަރުން ގައުމީ ސްކޮޑަށް އިތުރުކޮށްފި
އާ ދެ ކީޕަރުން ގައުމީ ސްކޮޑަށް އިތުރުކޮށްފި

އޭޝިއަން ކަޕް ކޮލިފައިންގައި މި މަހު 28 ވަނަ ދުވަހު ފަލަސްތީނާ ދެކޮޅަށް ގައުމީ ފުޓްބޯޅަ ޓީމު ކުޅޭ މެޗަށް ނެގި ޕްރިލިމިނަރީ ސްކޮޑަށް ދެ ގޯލްކީޕަރުން އިތުރުކޮށްފި އެވެ.

ޖުމްލަ 29 ކުޅުންތެރިންގެ ސްކޮޑަށް އެންމެ ފަހުން އިތުރު ކުރި ދެ ކީޕަރުންނަކީ ކްލަބް ވެލެންސިއާގެ ހަސަން ތޮލާލް އާއި ކްލަބް އީގަލްސްގެ މުހައްމަދު ޝަފީއު (ޗެކް) އެވެ. ސްކޮޑުގައި ހިމެނޭ އަނެއް ދެ ކީޕަރުންނަކީ ވެލެންސިއާގެ މުހައްމަދު ފައިސަލާއި ވިކްޓަރީގެ މުހައްމަދު އިމްރާނެވެ.

މިދިޔަ 17 އަހަރު ގައުމީ ޓީމުގެ ގޯލް ބެލެހެއްޓި އިމްރާން މުހައްމަދު ވަނީ ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފަ އެވެ.

ތޮލާލަކީ މީގެ ކުރިން ޒުވާން ގައުމީ ޓީމަށް ކުޅެފައިވާ ކުޅުންތެރިއެކެވެ. ކުރިން ވިކްޓަރީ އާއި ވީބީ ސްޕޯޓްސް ކްލަބަށް ކުޅުނު ތޮލާލް ވެލެންސިއާ އަށް ބަދަލުވީ މި އަހަރު އެވެ. ޝަފީއު ވަނީ މީގެ ކުރިން ނިއު ރޭޑިއަންޓަށް ވެސް ކުޅެފަ އެވެ. އޭނާގެ ހުނަރު އެންމެ ބޮޑަށް ފާހަގަވީ 2010 ވަނަ އަހަރު ނިއުގައި ދެއްކި ކުޅުމުންނެވެ. ޝަފީއު ވަނީ އޭގެ ފަހުން ދެ ވަނަ ޑިވިޝަނުގެ ބައެއް ކްލަބްތަކަށް ވެސް ކުޅެފަ އެވެ.

ގައުމީ ކޯޗު ޑަރެން ސްޓެވާޓް އެކުލަވާލި ސްކޮޑުން ފުރުސަތު ލިބުނު އާ ކުޅުންތެރިންނަކީ ޓީސީ ސްޕޯޓްސް ކްލަބާ އެކު ޝެއިޚް ކަމާލް ގޯލްޑް ކަޕް ކާމިޔާބުކުރި އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) އާއި މުހައްމަދު އައްޒާމާއި އިބްރާހިމް ވަހީދު ހަސަން (އިއްބެ) އަދި އީގަލްސްގެ ރިހާމް އަބްދުލްގަނީ (ބޮޮބީ) އާއި ގްރީން ސްޓްރީޓްސްގެ އަހުމަދު ނިޒާމް އަދި މުހައްމަދު ސާއިފެވެ.

އަނިޔާގެ ސަބަބުން އީގަލްސްގެ އަހުމަދު ނާޝިދު (ނާއްޓޭ) އަދި މި ސީޒަނުގައި މެޗެއް ކުޅެފައިނުވާއިރު، އެ ޓީމުގެ އަހުމަދު ރިޒުވާން (ރިޒޭ) ވެސް ހުރީ އާއިލީ ކަމެއްގައި ޓީމާ ދުރު އެވެ. މި ދެ ކުޅުންތެރިންނަކީ ކުރިން ގައުމީ ޓީމުގައި ކުޅުނު ދެ ކުޅުންތެރިންނެވެ. މީގެ އިތުރުން ޓީމުގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) ވެސް ހުރީ އަނިޔާގެ ސަބަބުން ކުޅުމާ ދުރު އެވެ.

ގައުމީ ޓީމުގެ ޕްރެކްޓިސް ފެށުމަށް އެފްއޭއެމުން ނިންމާފައިވަނީ މިއަދު އެވެ. ނަވާވީސް ކުޅުންތެރިންނާ އެކު ޕްރެކްޓިސް ފެށި ނަމަވެސް މެޗުގެ ކުރިން ސްކޮޑް ފައިނަލްކުރާނެ އެވެ.

ގޯލްކީޕަރުން: މުހައްމަދު އިމްރާން (ވިކްޓަރީ)، މުހައްމަދު ފައިސަލް (ވެލެންސިއާ)، ހަސަން ތޮލާލް (ވެލެންސިއާ)، މުހައްމަދު ޝަފީއު (އީގަލްސް)

ޑިފެންޑަރުން: އަމްދާން އަލީ (މާޒިޔާ)، ގާސިމް ސައްމާމް (މާޒިޔާ)، ސަމޫހު އަލީ (މާޒިޔާ)، މުހައްމަދު ރަޝީދު - ހޮކޭ (ނިއު)، އަހުމަދު އަބްދުﷲ - ލިލީ (ނިއު)، މުހައްމަދު ސާއިފް (ގްރީން ސްޓްރީޓްސް)، ހިސާމް ސަލީމް (ވެލެންސިއާ)، މުހައްމަދު އައްޒާމް (ޓީސީ)، ޝާފިއު އަހުމަދު (ވެލެންސިއާ).

މިޑްފީލްޑަރުން: އަސްހަދު އަލީ - އަޑުބަރޭ (މާޒިޔާ)، މުހައްމަދު އުމެއިރު (މާޒިޔާ)، ޔަސްފާދު ހަބީބް - މުލަކޭ (މާޒިޔާ)، އިމްރާން ނަޝީދު (އީގަލްސް)، ރިހާމް އަބްދުލް ގަނީ (އީގަލްސް)، އަހުމަދު ޒާދު (އީގަލްސް)، އަހުމަދު ނިޒާމް (ގްރީން ސްޓްރީޓްސް)، އިބްރާހިމް ވަހީދު ހަސަން (ޓީސީ)، އިސްމާއިލް އީސާ - ވިކްޓަރީ.

ފޯވާޑުން: އަސަދުﷲ އަބްދުﷲ (މާޒިޔާ)، އަހުމަދު އިމާޒް - އާއްކޮ (މާޒިޔާ)، ނާއިޒް ހަސަން - ދާދު (ޓީސީ)، ހުސެއިން ނިޔާޒް މުހައްމަދު - ބޮކުރީ (މާޒިޔާ)، އިބްރާހިމް މަހުދީ - ޓީސީ، އަލީ ފާސިރު - ސެންޓޭ (ނިއު)، ހަމްޒާ މުހައްމަދު - ހަމްޕު (ނިއު).