25 މެއި 2025 - 06:34

ބ. އަތޮޅު ކައުންސިލުން އިސްނަގައިގެން ފްރީޑައިވް މޯލްޑިވްސްއާ ގުޅިގެން ސްނޯކްލިން ގިނިސް ވޯލްޑް ރެކޯޑެއް ހެދުމަށް ބާއްވާ "ބާނި"ގެ ޕާޓްނަރުންނާ އެކު ސޮއިކޮށްފި އެވެ.

އެ ހަރަކާތުގެ އޮފިޝަލް ޑައިވް އިކުއިޕްމަންޓު ޕާޓްނަރެއްގެ ގޮތުގައި ސޮއިކުރީ އަޔާލާ ބަބްލްސްއާ އެކު އެވެ. އެ ޕާޓްނާޝިޕުގެ ދަށުން "ބާނީ"ގެ ބައިވެރިންނަށް ހާއްސަ އަގުތަކެއްގައި ސާމާނު ފޯރުކޮށްދޭނެ އެވެ. އެ ހަރަކާތުގެ ބެވަރެޖް ޕާޓްނަރަކަށް ބޮނަކުއާއާ އެކު ވެސް ވަނީ ސޮއި ކޮށްފަ އެވެ. ޓްރެވަލް މީޑިއާ ޕާޓްނަރެއްގެ ގޮތުގައި ހަމަޖެއްސީ ޓްރެވަލޫޝަން އެވެ.

އަންނަ އޮކްޓޯބަރު 4 ގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ހަރަކާތަށް އަންނަ މަހު ރަޖިސްޓަރީވުމަށް ހުޅުވާލާނެ އެވެ.
ފްރީ ޑައިވް އިން ބުނި ގޮތުގައި މިއީ ބ. އަތޮޅުގެ ޓޫރިޒަމް ޕްރޮމޯޓު ކުރުމަށާއި ފަރުތަކަށް ލިބޭ ތިމާވެށީގެ ގެއްލުންތަކަށް އަހުލުވެރި ކުރުވުމުގެ ގޮތުން ބާއްވާ ހަރަކާތެކެވެ. މިއީ އަތޮޅު ކައުންސިލެއްގެ އިސްނެގުމުގެ މަތިން ރާއްޖޭގައި ބާއްވާ މިފަދަ ފުރަތަމަ އަދި ސްނޯކްލިންގެ ރެކޯޑެއް ހެދުމުގެ ފުރަތަމަ ހަރަކާތް ކަން ވެސް ފާހަގަކުރި އެވެ.
"ބާނި" އަކީ އެންމެ ގިނަ ބަޔަކު އެއްފަހަރާ އެއް ވަގުތެއްގައި ސްނޯކަލް ކުރުމުގެ ވޯލްޑް ރެކޯޑު ހެދުމަށް ބާއްވާ ހަރަކާތެކެވެ. މި ހަރަކާތް އޮންނާނީ އަންގަފަރު ފިނޮޅުގަ އެވެ.
ފްރީ ޑައިވް މޯލްޑިވްސްއިން ވަނީ "ނޭވާ"ގެ ނަމުގައި ފްރީ ޑައިވް ގިނިސް ވޯލްޑް ރެކޯޑުގެ ދެ އިވެންޓެއް ވެސް ކާމިޔާބުކަމާ އެކު ބާއްވައިފަ އެވެ.