24 މެއި 2025 - 12:21

މި އަހަރުގެ ހައްޖުގެ އަޅުކަމަށް ހައްޖުވެރިން ފުރަން ހަމަޖެހިފައިވާ ދުވަސްތަކުގައި އެއާޕޯޓްގެ ޓްރެފިކް ބާރުބޮޑުވާނެތީ، އެކަމަށް ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފި އެވެ.
ހައްޖުވެރިން ފުރަން ހަމަޖެހިފައިވަނީ އަންނަ ހޯމަ އާއި އަންގާރަ އާއި ބުރާސްފަތި އަދި ހުކުރު ދުވަހު އެވެ. އެ ދުވަސްތަކުގައި އެއާޕޯޓްގެ ޓްރެފިކް ބާރު ބޮޑުވާނެ ކަމަށް ފުލުހުން ބުންޏެވެ.
"އެހެންކަމުން އޮމާންކަމާ އެކު ޓްރެފިކް ފްލޯ ކުރިއަށް ގެންދިޔުމަށް އެ ދުވަސްތަކުގައި އިތުރު ފުލުހުން އެއާޕޯޓްގައި ހަރަކާތްތެރިވަމުން ގެންދާނެ،" ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެއާޕޯޓުން ފުރާ އެހެން މީހުންނަށް ވެސް ޓްރެފިކް ތޮއްޖެހުމުގެ ސަބަބުން ލަސްތަކެއް ކުރިމަތިވުމަކީ އެކަށީގެންވާ ކަމަށްވާތީ، އެ ދުވަސްތަކުގައި ފުރާ މީހުން ވެސް ދުރާލައި އެއާޕޯޓަށް ގޮސް ފުރުމުގެ އިންތިޒާމްތައް ނިންމުމަށް އިލްތިމާސްކުރާ ކަމަށެވެ.
އަދި ހައްޖުވެރިންނާ އެކު އެއާޕޯޓަށް ވަޑައިގަންނަވާ ގާތްތިމާގެ މީހުންނާއި އެއާޕޯޓަށް ދަތުރުކުރާ އެއްގަމު އުޅަނދު ދުއްވާ ފަރާތްތަކުން ވެސް ފުލުހުންގެ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރަން އެދޭ ކަމަށް ފުލުހުން ބުންޏެވެ.