23 މެއި 2025 - 21:17

ރާއްޖޭގެ އެކި ސަރަހައްދުތަކުން އެކި ދާއިރާތަކުން ތަކެތި އުފައްދާ 300 އަށް ވުރެ ގިނަ ބައިވެރިންނާ އެކު ދިވެހި އުފެއްދުންތެރިކަމުގެ މައުރަޒު މިރޭ ފަށައިފި އެވެ.

ހުޅުމާލޭ ސެންޓްރަލް ޕާކު ސަރަަހައްދުގައި އެ މައުރަޒު ހުޅުއްވައި ދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. އަދި ރައީސްގެ ދެކަނބަލުން ވަނީ އެތަނުގައި ހުރި ސްޓޯލްތަކަށް ޒިޔާރާތް ކުރައްވައި އުފެއްދުންތައް ބައްލަވާލައްވައިފަ އެވެ.

ހަވާ އެރުވުމާ އެކު ފެށި މައުރަޒުގައި ކާބޯތަކެއްޗާއި ގަހަނާ އާއި އަތްތެރި މަސައްކަތްތަކާއި ބޭސްވެރިކަމުގެ ދާއިރާގެ އުފެއްދުންތައް ވެސް ހިމެނެ އެވެ.
ރާއްޖޭގެ ހުރިހާ އަތޮޅަކުން މި މައުރަޒުގައި ބައިވެރިވެ އެވެ. މިއީ 15 ދާއިރާއަކުން 81 ގިންތިއަކުން ތަކެތި ބައިވެރިކުރުމުގެ ފުރުސަތު ހުޅުވާލާފައިވާ މައުރަޒެކެވެ. މިފަހަރުގެ މައުރަޒުގައި އެންމެ ގިނައިން ބައިވެރިކޮށްފައި ހުރީ ލިޔެލާ ޖެހުމުގެ އުފެއްދުންތަކެވެ.
މައުރަޒު ކުރިއަށް ގެންދަނީ ވާދަކުރުމުގެ ބަޔަކާއި ޑިސްޕްލޭއަށް އެކަނި ބަހައްޓާ ބަޔަކަށް ބަހާލައިގެންނެވެ. ވާދަކުރުމުގެ ބަޔަށް 3،000 އަށް ވުރެ ގިނަ އުފެއްދުންތައް ހުށަހަޅާފައިވެ އެެވެ. ރޭ ވަނީ ވަނަތަކަށް ހޮވުނު 250 އަށް ވުރެ ގިނަ އުފެންދުންތަކަށް އެވޯޑު ވެސް ހަވާލުކޮށްފަ އެވެ.
މި ފަހަރުގެ މައުރަޒު އެންމެ ބޮޑަށް ތަފާތުވާ ސަބަބަކީ ޑިޖިޓަލް އުފެއްދުންތަކާއި ހިދުމަތްތައް ވެސް ޑިސްޕްލޭ ކުރެވޭތީ އެވެ.
މި މަހުގެ ނިޔަލަށް މި މައުރަޒު ކުރިއަށް ގެންދާނެ އެވެ.