ޣައްޒާގައި ކުޑަކުދިން ހިމެނޭހެން 29 މީހަކު ބަނޑަށްމަރުވެއްޖެ
ޣައްޒާގައި ކުޑަކުދިން ހިމެނޭހެން 29 މީހަކު ބަނޑަށްމަރުވެއްޖެ

ފަލަސްތީނުގެ ޣައްޒާގައި މި ފަހުން މަރުވި މީހުންގެ ތެރެއިން، ކުޑަކުދިން ހިމެނޭހެން 29 މީހަކު މަރުވެފައިވަނީ ކާން ނުލިބިގެން ދިމާވި އެކި މައްސަލަތަކުގައި ކަމަށް ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނެފި އެވެ.

ޣައްޒާއަށް އެތެރެކުރާ ކާނާ އާއި ބޭސް ފަދަ ތަކެތި ލިބެނީ ހަމާސް އަށް ކަމަށް ބުނެ އެ ބާވަތްތައް ޣައްޒާއަށް ވެއްދުން މިދިޔަ މާޗް މަހުގެ ދެ ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ވަނީ މަނާކޮށްފަ އެވެ. އެކަމުގެ ސަބަބުން ޣައްޒާއިން ކާނާ ހުސްވެ ބަނޑުހައިހޫނުކަން އާންމުވެފައި ވާއިރު މި މައްސަލައިގައި ބައިނަލްއަގުވާމީ ޕްރެޝަރު ބޮޑުވެ އިޒްރޭލުން މި ހަފްތާގައި ވަނީ އެހީގެ ޓްރަކްތަކެއް ޣައްޒާއަށް ވަނުމުގެ ހުއްދަ ދީފަ އެވެ.

މި ހުއްދަ ދިން ނަމަވެސް އެހީގެ ސާމާނު ބެހުމުގެ ހުއްދަ އިޒްރޭލުން ނުދީ ލަސްކުރުމާއި އެކި ހުރަސްތައް ކުރިމަތިކުރާތީ އެހީގެ ޖަމާއަތްތަކުގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.

ޣައްޒާގެ ހެލްތު މިިނިސްޓްރީން ބުނީ ހައިހޫނު ކަމުގެ ސަބަބުން 29 މީހަކު މަރުވެފައި ވާއިރު މި ނުރައްކަލަށް ހުށަހެޅިފައި ތިބި އެތައް ހާސް ބަޔަކު އެބަތިބި ކަމަށެވެ.

ޣައްޒާގެ ރައްޔިތުން ބަނޑަށް މަރުވަމުން ދާއިރު އިޒްރޭލުން ޣައްޒާގައި ވަރުގަދަކޮށްފައިވާ ހަމަލާތައް ވެސް ދަނީ ހުއްޓުމެއް ނެތި ކުރިއަށެވެ. ޣައްޒާގެ އުތުރުގައި ރޭ ދިން ހަމަލާއެއްގައި ވެސް އެއް އިމާރާތަކުން، މަދުވެގެން 50 މީހަކު ވަނީ ޝަހީދުކޮށްލައިފަ އެވެ.

އާންމުން ދިރިއުޅޭ ގެޔަކަށް ދިން އެ ހަމަލާއަށް ފަހު އެތައް ބަޔަކު ގެއްލިފައިވާ ކަމަށާއި އިމާރާތުގެ ތެރެއިން އެ މީހުން ހޯދުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް ޣައްޒާގެ ސިވިލް ޑިފެންސް އެޖެންސީން ވަނީ ބުނެފަ އެވެ.

އިޒްރޭލުން އޮކްޓޫބަރު 7، 2023 ގައި ޣައްޒާއަށް ހަމަލާދޭން ފެށި ފަހުން މިހާތަނަށް ޝަހީދުވި މީހުންގެ އަދަދު މިހާރު ވަނީ 53،762 އަށް އަރައިފަ އެވެ.