23 މެއި 2025 - 14:23

ދިވެހި ހައްޖުވެރިންނަށް މައްކާ ރޫޓް އިނިޝިއޭޓްވި އިފްތިތާހުކުރުމުގެ ތާރީހީ ޖަލްސާއަށް ސައުދީ އަރަބިއްޔާގެ މަތީ ފެންވަރުގެ ވަފުދުގެ ބޭފުޅުން މިއަދު ރާއްޖެ އަންނަން ފަށާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް ވިދާޅުވެއްޖެ އެވެ.

ހައްޖަށް ދާއިރު، އެއާޕޯޓާއި އިމިގްރޭޝަން މަރުހަލާ ނިންމުމުގެ ގިނަ ލުއިތަކެއް ލިބޭ ގޮތަށް ސައުދީ ސަރުކާރުން ފަށާފައިވާ މައްކާ ރޫޓު އިނީޝިއޭޓިވްގައި މި މަހު ރާއްޖެ ވަނީ ހިމަނައިފަ އެވެ.
މިނިސްޓަރު ޝަހީމް ވިދާޅުވީ އެ ހިދުމަތް ފަށަން ސައުދީގެ ހައްޖު މިނިސްޓްރީ އާއި ފޮރިން މިނިސްޓްރީ އާއި އިމިގްރޭޝަން ހިމެނޭހެން މަތީފެންވަރުގެ 42 ބޭފުޅަކު ވަޑައިގަންނަވާނެ ކަމަށެވެ.
އެ ވަފުދުގައި އިސްކޮށް ވަޑައިގަންނަވަނީ މައްކާ ރޫޓް އިނިޝިއޭޓިވް ކޮމިޓީގެ ޗެއާމަން އަދި ސައޫދީ ފޮރިން މިނިސްޓަރުގެ އެޑްވައިޒަރު ލެފްޓިނެންޓް ޖެނެރަލް ސުލައިމާން ބިން އަބްދުލް އަޒީޒު އަލްޔަހްޔާ ކަމަށް ވެސް ޝަހީމް ވިދާޅުވި އެވެ.
މައްކާ ރޫޓް އިނިޝިއޭޓިވް އަންނަ ހޯމަދުވަހު އިފްތިތާހުކޮށްދެއްވާނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުންނެވެ.
"ރަސްގެފާނު ސަލްމާންގެ ހާއްސަ އިރުޝާދުގެ ދަށުން މައްކާ ރޫޓްގައި ރާއްޖެ ހިމެނުއްވީ މިކަމުގައި ގައުމުތަކަށް ކަނޑައަޅާފައި އޮންނަ ހުރިހާ ޝަރުތަކުން ރާއްޖެ އިސްތިސްތިސްނާކޮށް ހާއްސަކަން ދެވިގެން،" ޝަހީމް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި މައްކާ ރޫޓް އިފްތިތާހްވުމުން ހައްޖުވެރިން ޖިއްދާ އެއާޕޯޓްގެ އިމިގްރޭޝަންގައި، ޕާސްޕޯޓްގައި ސްޓޭމްޕް ޖެހުމާއި ލަގެޖް ނަގަން މަޑުކުރަން ނުޖެހޭނެ އެވެ. މަތިންދާ ބޯޓުން ފައިބާ ގޮތަށް ހޮޓަލަށް ދެވޭ އިރު، ލަގެޖް ވެސް ލިބޭނީ ހޮޓަލަށެވެ.
ހައްޖުވެރިންނަށް ޖިއްދާ އެއާޕޯޓުން ރަސްމީކޮށް އިސްތިގުބާލުކުރާނެކަން ފާހަގަކުރައްވައި ޝަހީމް ވިދާޅުވީ މިއީ ޖިއްދާ އެއާޕޯޓްގައި އެތައް އިރަކު ތިބުން ނިމުމަކަށް ގެންނާނެ ތާރީހީ ފަސޭހަކަމެއް ކަމަށެވެ.
ސައުދީގެ އިސް ބޭފުޅުން މިއަދު ވަޑައިގަންނަވާއިރު، މި މަހުގެ 16ގައި އެޑްވާންސް ޓީމެއް ވަނީ ރާއްޖެ އައިސްފަ އެވެ.