19 މާޗް 2017 - 09:03

ލަންޑަން (މާޗް 19) - ފަހު ވަގުތު ގެރީ ކޭހިލް ވައްދާލި ލަނޑުން 2-1 އިން ސްޓޯކް ސިޓީ ބަލިކޮށް އިނގިރޭސި ޕްރިމިއާ ލީގުގެ އެއް ވަނައިގައި ޗެލްސީން 13 ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.
މި މޮޅާ އެކު ޗެލްސީ އެއް ވަނައިގައި އޮތީ 28 މެޗުން 69 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް ޓޮޓެންހަމާއި ތިން ވަނައިގައި އޮތް މެންޗެސްޓާ ސިޓީ އަށް 27 މެޗުން ލިބިފައިވަނީ 56 ޕޮއިންޓެވެ. ޓޮޓެންހަމް މިރޭ ސައުތެމްޓަނާ ދެކޮޅަށް ނުކުންނައިރު ސިޓީ ވާދަކުރާނީ ލިވަޕޫލާ އެވެ. މި ދެ މެޗުގެ ނަތީޖާ ނުކުންނަ ގޮތަކުން ޗެލްސީގެ ލީޑު ކުޑަވާނެ އެވެ.
ރޭގެ މެޗުގައި ޗެލްސީ ކުޅުނީ އަނިޔާގެ ސަބަބުން ޓީމުގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔާ އެޑެން ހަޒާޑް ނުލަ އެވެ. މި މެޗުގެ 13 ވަނަ މިނިޓްގައި ޗެލްސީ އަށް ލީޑުނަގައިދިނީ ލިބުނު ހިލޭ ޖެހުމަކުން ވިލިއަން އެވެ.
ފުރަތަމަ ހާފް ނިމުމުގެ ކުރިން ސްޓޯކަށް އެއްވަރުކޮށްދިނީ ލިބުނު ޕެނަލްޓީ އަކުން ޖޮނަތަން ވޯލްޓާސް އެވެ. މެޗުގެ 38 ވަނަ މިނިޓްގައި މި ޕެނަލްޓީ ލިބުނީ އޭރިއާ ތެރެއިން ވޯލްޓާސް އަށް ކޭހިލް ފައުލުކުރުމުންނެވެ.
ކޭހިލް ޗެލްސީ މޮޅުކޮށްދިން ލަނޑު ޖެހީ މެޗުގެ 87 ވަނަ މިނިޓްގަ އެވެ. ސްޓޯކުން މެޗު ނިންމާލީ 10 ކުޅުންތެރިންނާ އެކު އެވެ. އެއީ މެޗުގެ އިތުރު ވަގުތުގައި އެ ޓީމުގެ ފިލް ބާޑްސްލީ އަށް ރަތް ކާޑު ދެއްކުމުންނެވެ.
ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނީ ސީޒަނުގެ ފަހު މެޗުތަކަށް ނުކުތުމުގެ ކުރިން ސްޓޯކް އަތުން މި ލިބުނީ މުހިއްމު މޮޅެއް ކަމަށެވެ.
"އަހަރެމެން ދެން ކުޅެން ޖެހެނީ ލީގުގެ ފަހު 10 މެޗު. އެ މެޗުތަކަށް ނުކުތުމުގެ ކުރިން ވަރަށް ރަނގަޅު ޓީމެއް އަތުން މުހިއްމު މޮޅެއް މި ލިބުނީ. ކުޅުންތެރިންގެ ވިސްނުން ހުރީ ކޮންމެ މެޗަކުން ވެސް މޮޅުވާން. އެ މަސައްކަތަށް ހިތްވަރު އަހަރެން މިދެނީ،" ކޮންޓޭ ބުންޏެވެ.
ރޭ އާސެނަލް ކުޅުނު މެޗުން ވަނީ ރަށުން ބޭރުގައި ވެސްޓް ބްރޮމް އަތުން 3-1 އިން ބަލިވެފަ އެވެ. ވެސްޓް ބްރޮމަށް މި މެޗުގައި ލަނޑުތައް ޖަހައިދިނީ ކްރެއިގް ޑޯސަން ދެ ލަނޑާއި ހަލް ރޮބްސަން ކާނޫ ލަނޑެކެވެ. މި މެޗުން ބަލިވުމުން އާސެނަލްގެ ކޯޗު އާސެން ވެންގާ އަށް ޕްރެޝަރު ވަނީ ބޮޑުވެފަ އެވެ. އަދި މި މެޗަށް ފަހު އާސެނަލްގެ ގިނަ ސަޕޯޓަރުންތަކެއް ވަނީ ވެންގާ އަށް އާ އެއްބަސްވުމެއް ނުދީ އޭނާ ވަކިކުރުމަށް ގޮވާލައިފަ އެވެ.