22 މެއި 2025 - 13:39

މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށަކަށް ބޭންކް އޮފް މޯލްޑިވްސް އިން އޭޓީއެމްގެ ހިދުމަތްދޭން "މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް"ގެ ނަމުގައި ހިންގާ މަޝްރޫއުގައި، މ. އަތޮޅުގެ ހުރިހާ ރަށަކަށް އެ ހިދުމަތް ފުޅާކޮށްފި އެވެ.

ބީއެމްއެލްއިން ބުނީ މ. އަތޮޅުގެ ހަތް ރަށުގައި އެ ބޭންކުގެ އޭޓީއެމް ސެންޓަރުތައް ގާއިމްކޮށް މިހާރު ހިދުމަތް ދެމުން އަންނަ ކަމަށެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ މ. އަތޮޅަށް އެ ހިދުމަތް ފުޅާކުރެވުމަކީ ކޮންމެ ރަށަކުން ވެސް ބެންކިންގެ ހިދުމަތް ފަސޭހައިން ލިބޭނެ މަގު ތަނަވަސްކުރަން އެ ބޭންކުން ކަނޑައަޅާފައިވާ އަމާޒަށް ވާސިލްވާން އެޅުނު އިތުރު ފިޔަވަޅެއް ކަމަށެވެ. އަދި އޭޓީއެމް ސެންޓަރުތައް ގާއިމްކުރުމަކީ ބޭންކިން ނިޒާމުގެ ތެރެއަށް ރައްޔިތުން ވެއްދުމުގައި މުހިންމު ދައުރެއް އަދާކުރާ ކަމެއް ކަމަށް ވިދާޅުވި އެވެ.
ޝަރީފު ވިދާޅުވި ގޮތުގައި ބޭންކިން ނިޒާމު އިތުރަށް ހަރުދަނާ ކުރަން ޑިޖިޓަލް ހިދުމަތްތައް ވަރުގަދަކުރުމުގެ މަސައްކަތްތައް ވެސް އަންނަނީ ކުރަމުންނެވެ.
"ބޭންކުގެ ވިއުގަ ފުޅާކުރުމަށް މަސައްކަތް ކުރަމުންދާއިރު ޑިޖިޓަލް ހިދުމަތްތައް އިތުރަށް ހަރުދަނާ ކުރުމަށް ވެސް އަޅުގަނޑުމެން މިދަނީ މުހިންމު މަސައްކަތް ކުރަމުން. އަޅުގަނޑުމެންގެ ގްލޯބަލް ކާޑު ނެޓްވޯކް އަދި ޕޭމަންޓް ހައްލުތައް ފޯރުކޮށްދޭ ފަރާތްތަކާ ގުޅިގެން ފަސޭހަ އަދި ރައްކާތެރި ބޭންކިން އަދި ޕޭމަންޓް ހިދުމަތް ފޯރުކޮށްދީ، ކަސްޓަމަރުން ހިދުމަތް ހޯދުމުގައި އިތުރުވަމުންދާ އެކި ބޭނުންތައް ފުއްދުމަށް އީޖާދީ ގޮތްތަކެއް ހޯދަމުންދާނަން،" ޝަރީފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އަތޮޅު ތެރޭގައި ބަހައްޓާފައިވާ އޭޓީއެމްތައް މެދުވެރިކޮށް މިއަހަރުގެ މިހާތަނަށް 1
މިލިއަނަށްވުރެ ގިނަ މުއާމަލާތް ހިންގާފައިވާ ކަމަށެވެ. އަދި އެ މުއްދަތުގައި އޭޓީއެމް މެދުވެރިކޮށް ބޭންކަށް 1.45 ބިލިއަން ރުފިޔާ ޖަމާކޮށްފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
ބީއެމްއެލްއިން މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 39 ބްރާންޗް، 121 ސެލްފްސާވިސް ބޭންކިން ސެންޓަރު، 179 އޭޓީއެމް އޭޖެންޓު ބޭންކިން ހިދުމަތް އަންނަނީ ފޯރުކޮށްދެމުންނެވެ. އަދި އެ ބޭންކުން އޮންލައިން ބެންކިންގެ ހިދުމަތް ވެސް ދެ އެވެ.