22 މެއި 2025 - 13:32

ރާއްޖޭގެ ގުދުރަތީ ރީތިކަން ރައްކާތެރިކުރެވޭނީ ދިރޭތަކެތީގެ ނަސްލު ހިމާޔަތްކޮށްގެން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
މިއަދު ފާހަގަކުރާ ދުނިޔޭގެ ބަޔޯޑައިވާސިޓީ ދުވަސް ނުވަތަ ދިރޭތަކެތީގެ ނަސްލުގެ ދުވަހުގެ މުނާސަބަތުގައި ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގުދުރަތީ ރީތިކަމަކީ ރާއްޖެއަށް ލިބިފައިވާ އެންމެ ބޮޑު ނިއުމަތް ކަމަށެވެ.
"މި އަގުހުރި ނިއުމަތަށް ރައްކާތެރިވެވޭނީ، ދިރޭތަކެތީގެ ނަސްލު ހިމާޔަތްކޮށް ދަމަހައްޓައިގެން،" ރައީސް ވިދާޅުވި އެވެ.
ކޮންމެ އަހަރެއްގެ މެއި މަހުގެ 22 ވަނަ ދުވަސް ދުނިޔޭގެ ބަޔޯޑައިވާސިޓީ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ދެމެހެއްޓެނިވި ތަރައްގީ އާއި އަމާން މުޖުތަމައެއް ހާސިލް ކުރުމުގައި ދިރޭތަކެތީގެ ނަސްލަށް ވެސް އިހުތިރާމްކުރުމާ އެކުގައި ކުރިއަށް ދިއުމުގެ މަގުސަދުގަ އެވެ.
ބަޔޯޑައިވާސިޓީ ދުވަހުގެ މި އަހަރުގެ ޝިއާރަކީ "ގުދުރަތީ މާހައުލާއި ދެމެހެއްޓެނިވި ތަރައްގީގެ ގުޅުން" އެވެ.
އިންޑިއާގެ ކަނޑުގެ މެދުގައިވާ ރާއްޖެއަކީ، ހާއްސަކޮށް ކަނޑުގެ ދިރުންތަކުން މުއްސަނދި ގައުމެކެވެ. ފަރުތަކާއި މޫދުގައި އުޅޭ އެކި ބާވަތުގެ މަސްތަކާއި ވެލަ އާއި ބޮޑުމަހާއި މަޑި އާއި އަދިވެސް އެކި ބާވަތުގެ ދިރުންތަކަކީ ރާއްޖޭގެ ކަނޑުގެ މުއްސަނދިކަން އަންގައިދޭ މުހިންމު ދިރުންތަކެވެ.
ދުނިޔޭގެ ފަރުތަކުގެ ތިން ޕަސެންޓް ރާއްޖޭގައި އޮތްއިރު، މިތަނުގައި 250 ބާވަތުގެ މުރަކަ އާއި 1،100 އަށް ވުރެ ގިނަ ބާވަތުގެ މަސްމަހާމެހި ދިރިއުޅެ އެވެ.